ޕަންޖާބު ލަވަކިޔުންތެރިޔާ އަދި އެކްޓަރު ދިލްޖީތު ދޮސާންޖު ލީޑް ރޯލް ކުޅެފައިވާ މި ފިލްމު ނޮމިނޭޓް ވެފައި ވަނީ އިންޓަނޭޝަނަލް އެމީ އެވޯޑްސްގެ 'ޓީވީ މޫވީ/މިނީ ސީރީސް ކެޓަގަރީ'އަށެވެ.
މި ކެޓަގަރީއަށް ފިލްމު ނޮމިނޭޓްވުމާ ގުޅިގެން ދިލްޖީތު ވަނީ އެމީގެ ބެސްޓް ޕާފޮމެންސް އެކްޓަރުގެ ކެޓެގަރީއަށް ވެސް ނޮމިނޭޓްވެފައެވެ.
ފިލްމު "އަމަރު ސިންގް ޗަމްކީލާ" އަދި ދިލްޖީތު ނޮމިނޭޓް ވެފައިވާ ކެޓަގަރީތަކުގެ މައުލޫމާ ދަ އިންޓަނޭޝަނަލް އެކަޑެމީ އޮފް ޓެވެލިޒަން އާޓްސް އެންޑް ސައިންސްއިން ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ އިއުލާނުކޮށްފައެވެ.
އަމަރް ސިންގް އާއި އޭނާގެ އަންހެނުން
ފިލްމު "އަމަރު ސިންގް ޗަމްކީލާ" އަކީ ޕަންޖާބުގެ މަޝްހޫރު ލަވަކިޔުންތެރިއެއް ކަމަށްވާ އަމަރު ސިންގް ޗަމްކީލާގެ ހަޔާތުގެ މައްޗަށް ބިނާކޮށް ޑައިރެކްޓަރު އިމްތިޔާޒު އަލީ އުފައްދާފައިވާ ބައޮޕިކް ފިލްމެކެވެ.
ޗަމްކީލާއަށް އާއްމުންގެ ތަރުހީބު ބޮޑަށް ލިބެން ފެށީ އޭނާގެ ލަވަތަކުގެ ޅެންތައް މުޖްތަމައުތެރެއިން އާއްމުކޮށް ފެންނަ ކަންކަމާ ގުޅުވަން ފެށުމުންނެވެ.
މުޖްތަމައުގެ މިންގަނޑާ ހިލާފު އިބާރާތްތައް އެ ލަވަތަކުގައި ބޭނުންކުރަން ފެށުމުން ގިނަ ބައެއްގެ ތަރުހީބާ އެކު ފާޑުކިޔުންތަކާއި ނުރުހުން އޭނާއަށް ވަނީ އަމާޒުވެފަ އެވެ.
ބަޑީގެ ހަމަލާއެއްގައި ޗަމްކީލާ އާއި އޭނާގެ ދެވަނަ އަނބިމީހާ އަމަރްޖޮތް މަރާލާފައި ވަނީ ޕަންޖާބުގެ އަވަށެއްގައި ޝޯއެއް ދިނުމަށް ދިޔަތަނުންނެވެ. އެ ހާދިސާއަށް އެތައް އަހަރެއްވެފައިވާއިރު މިހާތަނަށް ވެސް ދެ މީހުންގެ ގަޔަށް ބަޑި ޖެހީ ކޮންބައެއްކަމެއް ފުލުހުންގެ ތަހުގީގަށް ހޯދިފައެއް ނެތެވެ.
ދިލްޖީތުއާ އެކު ބަތަލާ ޕަރިނީތީ ޗޯޕްރާ ލީޑް ރޯލްއިން ފެނުނު މި ފިލްމަށް އާއްމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނުއިރު ފިލްމު ކްރިޓިކުން ވެސް ވަނީ ފިލްމުގައި ދެ ތަރިން ދެއްކި ހުނަރަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ.