ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ނެގުމުން ޕްރޮމޯޝަން ނުލިބި ލަސްވާތީ އެކަމުގެ ކަންބޮޑުވުން ސަރުކާރު މުވައްޒަފުން ވަނީ ފާޅުކޮށްފަ އެވެ. އަދި ވިހެއުމުގެ ޗުއްޓީ ނެގުމުން 90 ދުވަސް ހަމަނުވެ، ސްޓެޕް ޕްރޮމޯޝަން ލިބުމުގައި ދަތިތަކާ ކުރިމަތިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅާފަ އެވެ.
ސިވިލް ސާވިސް ކޮމިޝަނުން މިއަދު ވަނީ ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ ސިވިލް ސާވިސްގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދިނުމުގެ އުސޫލަށް މުހިންމު އިސްލާހުތަކެއް ގެނެސް އެކަން އޮފީސްތަކަށް އަންގާފަ އެވެ. މިގޮތުން އެންމެ ބޮޑު ބަދަލެއް ގެނެސްފައިވަނީ ވިހެއުމުގެ ޗުއްޓީގައި ހުރުމުން ވަޒީފާގެ ކުރިއެރުން ނުލިބި ލަސްވާ މައްސަލަ އަށެވެ.
މިހާރު އޮންނަ ގޮތުން މުސާރައިގެ ކުރިއެރުން ދިނުމުގައި ވިދިވިދިގެން ދެ އަހަރު ޕާފޯމަންސް އެޕްރައިޒަލް (ޕީއޭ) އިން 85 އިންސައްތަ މާކްސް ހޯދަން ޖެހެ އެވެ. އެހެންނަމަވެސް އަލަށް ގެނައި ބަދަލުގައިވާ ގޮތުން ވިހެއުމުގެ ޗުއްޓީ ނުވަތަ ސަސްޕެންޝަން ފަދަ ދިގު މުއްދަތަކަށް ވަޒީފާއަށް ނުނިކުމެވޭ ހާލަތެއް މެދުވެރިވެގެން އަހަރުގެ ޕީއޭ އަށް ބަލާ 90 ދުވަސް ހަމަނުވާ ނަމަ، އެ އަހަރު ނުހިމަނައި، މެދުކެނޑުމަކަށް ފަހުވެސް ދެ އަހަރުގެ އެޕްރައިޒަލް އިން 85 އިންސައްތަ މާކްސް ހޯދައިފި ނަމަ ކުރިއެރުން ލިބޭ ގޮތަށް ވަނީ ބަދަލުކޮށްފަ އެވެ.
މީގެ އިތުރުން މަސައްކަތްކުރާ އިދާރާ ބަދަލުވާއިރު އަހަރު ނިމޭއިރު އެއްވެސް އިދާރާއެއްގައި 90 ދުވަސް ހަމަނުވާ ނަމަ، ދެ އިދާރާގައި މަސައްކަތްކުރި ޖުމްލަ މުއްދަތު އެއްކޮށްލެވޭނެކަމަށް އަލަށް ގެނައި ބަދަލުގައި ވަނީ ހިމަނާފަ އެވެ. އެހެންނަމަވެސް، މުސާރައިގެ ކުރިއެރުން ދިނުމަށް އެއްފަހަރު ބޭނުންކޮށްފައިވާ އެޕްރައިޒަލެއް ދެވަނަ ފަހަރަށް ބޭނުން ނުކުރެވޭނެ ކަމަށްވެސް އަލަށް ގެނައި ބަދަލުގައި ވަނީ ހިމަނާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;