މިއަދު ކޯޓުން ހުކުމްކުރީ ފެނަކަ އާއި ބްލޭޒަން އިންކް ކުންފުންޏާ އެކު 2019ގައި ހެދި އެއްބަސްވުމެއްގެ ދަށުން ބްލޭޒަން އިން ކުރަން ޖެހޭ މަސައްކަތް ނިންމިކަން ޔަގީންނުކޮށް މަސައްކަތަށްވާ ފައިސާ ދޫކުރި މައްސަލައެއްގައި ކުރި ދައުވާއަކަށެވެ.
މި މައްސަލާގައި ސައީދުގެ އިތުރުން އޭރު އެ ކުންފުނީގެ ޕްރޮކިއުމަންޓް ހެޑް މަރިޔަމް ދީނާގެ މައްޗަށް ވެސް ދައުވާކޮށްފައިވެ އެވެ.
ފެނަކައަށް 9 ލައްކައަށް ވުރެ ގިނަ ރުފިޔާއިން ގެއްލުންވި ކަމަށް ދައުލަތުން ތުހުމަތުކުރާ މމި މައްސާލަގައި ކްރިމިނަލް ކޯޓުން މިއަދު ބޭއްވި އަޑުއެހުމުގައި ހުކުމްކުރީ 4 އަހަރަށް ޖަލަށް ލުމަށެވެ.
ކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަސް ނަމަވެސް ކުށުގެ ދަރަޖަތައް އިތުރުކޮށް ކޯޓުން ވަނީ އަދަބު 4 އަހަރަށް މަތިކޮށްފަ އެވެ.
މި މައްސަލަ ބެއްލެވި އިސްގާޒީ އާދަމް މުހައްމަދު ވިދާޅުވީ ދައުލަތުގެ ކުންފުނިތަކުގައި ކޮރަޕްޝަން ހިންގުން އާންމުވެފައިވާ ކަމަށެވެ. އަދި ދައުލަތުގެ ފައިސާ އަށް ހިޔާނާތްތެރިވެ، ކޮރަޕްޝަންގެ އަމަލުތައް ހިންގުމަކީ އާދައިގެ މަތިން އާންމު އުސޫލުން ހިނގާ ކަމެއްގެ ގޮތުގައި ބެލެވޭ މިންވަރަށް އެކަން އާންމު ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދަބު މަތިކުރަންޖެހޭ ސަބަބުގެ ގޮތުގައި އިސްގާޒީ ވިދާޅުވީ، މި މައްސަލާގައި ހިމެނެނީ، އެއްބަސްވުންތަކެއް ހަދައިގެން މަސައްކަތް ނުކުރާ ބަޔަކަށް ގިނަ އަދަދެއްގެ ފައިސާތަކެއް ފެނަކައިގެ އިސްވެރިން ދީފައިވުން ކަމަށެވެ.
މި މައްސަލައިގައި ސައީދަށް ހުކުމްކުރި އިރު ފެނަކައިގެ އޮޑިޓް ރިޕޯޓުން ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ވެސް ވަނީ ހާމަވެފަ އެވެ. އެކަމަކު އޭނާ ވަނީ އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރައްވާ ކަމަށް ވިދާޅުވެ ބަޔާނެއް ނެރުއްވައިފަ އެވެ.
ސައީދުގެ މައްޗަށް ތުހުމަތުވާ ބައެއް މައްސަލަތައް އޭސީސީގައި މިހާރު ވެސް ކުރިއަށްދެ އެވެ.