ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ފެނަކަ ކޯޕަރޭޝަންގެ ތެރެއިން ދައުލަތުގެ 2.2 ބިލިޔަން ރުފިޔާ ނުވަތަ 2000 މިލިޔަން ރުފިޔާއަށް ހިޔާނާތްތެރިވުމުގެ ސަބަބުން މިއަދު ފެނަކަ ވެއްޓިފައިވާ ދަށް މާލީ ހާލަތަކީ ކުރިމަތިކުރި ހާލަތެއް ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުންވަނީ ބުނެފައެވެ.
އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ އާންމު ކުރެއްވީ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ފެނަކައިގެ މާލީ ހާލަތު މިހާރު އޮތް ވަރަށް ގޯސްވީ މުދަލާއި ހިދުމަތް ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ ގިނަ މުއާމަލާތްތަކެއްގެ ނަތީޖާއެއްގެ ގޮތުންނެވެ. އެ ރިޕޯޓަށް ރައްދު ދެއްވައި ސޯޝަލް މީޑިއާގައި ފެނަކަ ސައީދު އާއްމު ކުރެއްވި ބަޔާނުގައި ވިދާޅުވީ ހުރިހާ ކަމެއްވެސް ކޮށްފައިވާނީ އުސޫލާ އެއް ގޮތަށް ކަމަށެވެ.
"ފެނަކައިގެ އެމްޑީ ކަމާ ހަވާލުވީ ދުވަހުން ފެށިގެން އެންމެހައި ޕްރޮކިއުމެންޓް މުއާމަލާތްތައް ކުރިއަށް ގެންގޮސްފައިވާނީ ކުންފުނީގެ އެތެރޭގައި ހެދިފައިވާ އެންމެހައި އުސޫލުތަކާއި ގަވައިދުތަކުގެ ތެރެއިން، ކުންފުނީގެ ބޯޑުން އެކަށައަޅުއްވާފައިވާ އިދާރީ އޮނިގަނޑުގެ ތެރެއިން. އެއާއި ހިލާފަށް އެއްވެސް ބަޔަކަށް މުދަލެއް، ހިދުމަތެއް، ކޮންޓްރެކްޓެއް އަދި ޕްރޮޖެކްޓެއްވެސް ދީފައިނުވާނެ ކަމުގެ ޔަގީންކަން އަރުވަން" ސައީދުގެ ބަޔާނުގައި ބުނެފައިވެއެވެ.
ފެނަކައިގެ ބޮޑު ވައްކަމާއި ގުޅޭ އޮޑިޓް ރިޕޯޓެއް ނެރެފައިވާއިރު، އެންޓި ކޮރަޕްޝަން ކޮމިޝަންފަދަ ދައުލަތުގެ އެހެން މިނިވަން މުއައްސަސާތަކުންވެސް ދަނީ ތަހުގީގު ކުރަމުންނެވެ. މީގެތެރެއިން ބައެއް މައްސަލަތައް ތަހުގީގުކޮށް، ފެނަކައިގެ ކުރީގެ ބައެއް ވެރިންނަށް ދައުވާ ކުރުމަށް ވަނީ ކޯޓަށްވެސް ފޮނުވާފަ އެވެ. އަދި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ޕާސްޕޯޓްވެސް ވަނީ ހިފަހައްޓާފަ އެވެ. އޭގެތެރޭގައި ފެނަކަ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދުވެސް ހިމެނެ އެވެ.