ads
ގެދޮރުވެރިޔާ ސްކީމްގެ ފުލެޓުތައް ހަވާލުކުރަން ފެށުން - ފޮޓޯ: އެފްޑީސީ
ގެދޮރުވެރިޔާ ސްކީމްގެ ފުލެޓުތައް ހަވާލުކުރަން ފަށައިފި، ފުރަތަމަ 14ވަނަ ޓަވަރުގެ ފްލެޓެއް!
ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން އިމާރާތް ކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ބައެއް ޓަވަރުގެ ތަޅުދަނޑި ހަވާލުކުރަން ފަށައިފި އެވެ.
Advertisement

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ން ހުޅުމާލެ ދޭއް ގައި އިމާރާތް ކޮށްފައިވާ 17-18 ބުރީގެ 32 ޓަވަރުގައި 4،000 ފްލެޓްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މީގެ ދެ ހަފުތާއެއް ކުރިން މިމަހުގެ 11ގައި އެކޯޕަރޭޝަނުން ވަނީ، ޕޯޓަލް މެދުވެރިކޮށް، ފުލެޓުތައް ވެރިފަރާތާ ހަވާލުކުރަން ފަށާފަ އެވެ. މި 4000 ފްލެޓްގެ ތެރެއިން ފުރަތަމަ ހަވާލު ކުރަން ނިންމާފައިވަނީ އަމާން އުދަރެސްގެ ޓަވަރު 14ގެ ފްލެޓްތަކެވެ.

އެފްޑީސީން އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ފުރަތަމަ ފްލެޓް ލިބުނު މީހާއަށް ފްލެޓްގެ ތަޅުދަނޑި ހަވާލުކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލްއެވެ. ފުރަތަމަ ހަވާލުކޮށްފައިވަނީ އަމާން އުދަރެސްގެ 14ވަނަ ޓަވަރުގެ ފްލެޓެކެވެ.

އެ ރަސްމިއްޔާތުގައި ޝަކީލް ވަނީ "އަމާން އަތްމަތީ ފޮތް" ވެސް އިފުތިތާހު ކުރައްވައިފައެވެ. އެ އަތްމަތީ ފޮތުގެ ޒަރިއްޔާއިން އަމާން ޓަވަރުތަކުގައި ދިރިއުޅޭ މީހުންނަށް މުހިންމު މައުލޫމާތުތައް ލިބޭނެ ކަމަށް އެފްޑީސީން ބުންޏެވެ. 

ފްލެޓްތައް ހަވާލުކުރާއިރު އެ ތަންތަނުގައި މީހުން ދިރިއުޅެން ބޭނުންވާ އަސާސީ ހިދުމަތްތައް ކަމަށްވާ, ފެނާއި ނަރުދާމާގެ އިތުރުން ކަރަންޓްގެ ހިދުމަތް ލިބެން ހުންނާނެ ކަމަށް އެފްޑީސީން ބުނެ އެވެ.

ރައީސް ސޯލިހު ސަރުކާރުގައި އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ވަކިވަކިން ކުރިއަށް ގެންދާ އެ ދެ މަޝްރޫއުގައި ހިމެނެނީ ދެ ކޮޓަރީގެ ފްލެޓާއި ތިން ކޮޓަރީގެ ފްލެޓެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓުތައް ދޫކުރަނީ 7،000ރ. އަށެވެ. އެ ތަންތަނުގެ މެއިންޓެނަންސް ފީގެ ގޮތުގައި 1،000ރ. އަދި ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަން ހަމަޖައްސާފައިވަނީ 15،000ރ. އެވެ.

ތިން ކޮޓަރީގެ ތަންތަން ދޫކުރަން ނިންމާފައިވަނީ 9،500ރ. އަށެވެ. އެއީ މެއިންޓެނަންސް ފީގެ ގޮތުގައި 1،500ރ. އަދި ސެކިއުރިޓީ ޑިޕޮސިޓަށް 25،000ރ. އެވެ.

ސަރުކާރުން ފްލެޓް އެއްބަސްވުމުގައި ސޮއިކުރަމުން އަންނަނީ، ފްލެޓްތައް ނިމިފައިވާ ތަރުތީބުންނެވެ. އެފްޑީސީގެ އެންމެ ފަހުގެ ހިސާބުތަކުން އެނގޭ ގޮތުގައި މިހާތަނަށް ގާތްގަަނޑަކަށް 3،000 މީހުންނާ އެކު ވަނީ ސޮއިކޮށް ނިމިފަ އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓްތައް ލިބޭ ކަމަށް ކުރީގެ ސަރުކާރުން އިއުލާނުކުރި ލިސްޓް ރިވިއުކޮށް، އޭގެ ތެރެއިން ޝަރުތު ހަމަވެ، ފްލެޓް ލިބޭ މީހުންގެ ލިސްޓެއް މި ސަރުކާރުން މިދިޔަ އެޕްރީލް މަހު ވަނީ އާންމުކޮށްފަ އެވެ. ނަމަވެސް ފުރަތަމަ ލިސްޓު އޮއްވާ ދެވަނަ ލިސްޓަކަށް ނުދެވޭނެ ކަމަށް ބުނެ ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން މި ސަރުކާރުން ނިންމީ ނޮވެމްބަރު، 2023 ގެ ލިސްޓަށް ފްލެޓް ދިނުމަށެވެ.

މީގެ އިތުރުން ގެދޮރުވެރިޔާ ފުލެޓުތައް ލިބުނު މީހުންގެ ހައްގުގައި މަސައްކަތް ކުރާ ފަހި ޔޫނިއަނުން ވަނީ 350 އެއްހައި ފްލެޓް، ހައުސިން މިނިސްޓްރީގެ މުވައްޒަފުންތަކެއް ކަމަށް ބުނާ ބަޔަކު އެކި މީސްމީހުންނަށް ގުޅައިގެން ވިއްކުމަށް މަސައްކަތްކުރަމުން އަންނަކަމަށް ތުހުމަތުކޮށްފަ އެވެ. ނަމަވެސް ހައުސިން މިނިސްޓްރީން ވަނީ އެ ތުހުމަތު ދޮގުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް