ކޮރަޕްޝަންގެ މައްސަލަތަކުގެ އަޑުގަދަ ވެފައިވާ އަދި އެފަދަ ތުހުމަތުތައް ކުރެވޭ ސިޔާސީ ބައެއް މީހުންނަށް ހުކުމް ކުރަމުން އަންނައިރު، ނަޝީދުގެ އޮފީހުން މި ރޭ ނެރުނު ބަޔާނެއްގައި ބުނީ މަރުކަޒީ ބޭންކު އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަދި ނަޝީދުގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އަލީ ހާޝިމާއި އެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި މަހުމޫދު ރާޒީގެ ބައިވެރިވުމާއި އެހީތެރިކަން ކޮންފަރެންސަަށް ލިބޭނެ އެވެ.
އެ ބަޔާނުގައި ވިދާޅުވީ، ހަމައެއާއެކު ވިސްލްބްލޯވަރުންނާއި ކޮަރަޕްޝަނުގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކުގެ ހެކިބަސް ނެގުމާއި ގާނޫނީ އިސްލާހުތަކާއި ދެފުށް ފެންނަ އިޖުރާއްތަތަކާއި އުސޫލުތައް އަދި ބައިނަލްއަގުވާމީ އެހީތެރިކަން ހޯދުމާގުޅޭގޮތުން މަޝްވަރާތައް ކުރާނެ ކަމަށެވެ.
މިއީ ރާއްޖޭގެ މުއައްސަސާތަކުގެ ނަޒާހަތްތެރިކަމާއި އިތުބާރު އިޔާދަކުރުމަށާއި އިތުބާރު ގެއްލިފައިވާ ފަރާތްތައް ޒިންމާދާރު ކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
ކޮރަޕްޝަނާ ދެކޮޅު ކޮންފަރެންސަކަށް ކުރީގެ ރައީސް ނަޝީދު ތައްޔާރުވެވަޑައިގަންނަވަމުން ގެންދަވާއިރު، އެމްޑީޕީގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަހުމަދު ސައީދުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ ކުށުގައި ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްޔެ ވަނީ ކްރިމިނަލް ކޯޓުން އިއްވައިފަ އެވެ.
އަދި މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫންގެ މައްޗަށް ކުރި ރިޝްވަތުގެ ދެ ދައުވާއެއް ސާބިތުވެ، އޭނާ 12 އަހަރަށް ޖަލަށްލާން އެ ކޯޓުން މިރޭ ހުކުމްކުރި އެވެ. މީގެ އިތުރުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކުރާ ހިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން ނިންމާ މިހާރު ވަނީ ހުކުމް ކުރުމާއި ގާތް ވެފަ އެވެ. ޖިނާއީ އިޖްރައާތުގެ ގާނޫނު އޮންނަ ގޮތުން އަޑުއެހުންތައް ނިންމާލާތާ 30 ދުވަސް ތެރޭގައި ހުކުމް އިއްވަން ޖެހޭނެ އެވެ.