އެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ޑިފެންސް މިނިސްޓަރު، ގައްސާން މައުމޫންގެ އިތުރުން ފުލުހުންނާއި ސިފައިންގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
އެ ބައްދަލުވުމުގައި މާދަމާ މުޒާހަރާގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
މުޒާހަރާގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ރަށްރަށުން މީހުން މާލެ އަންނަން ވަނީ ފަށައިފަ އެވެ. އެމްޑީޕީން ބުނާގޮތުގައި ރަށްރަށުން ގިނަ އަދަދެއްގެ މީހުން މުޒާހަރާއާ ގުޅުމަށް މާލެ އައުމަށް ވަނީ ހަމަޖެހިފަ އެވެ.
އެމްޑީޕީގެ މި އެއްވުމާ ގުޅޭގޮތުން އިއްޔެ ނެރުނު ބަޔާނެއްގައި ފުލުހުން ބުނީ، އެ ޕާޓީން މާދަމާ މާލޭގައި ބާއްވަން ހަމަޖެހިފައިވާ ބޮޑު އެއްވުމުގައި ކުށްކުރާ ގްރޫޕުތައް ނެރެގެން މާލެ ހަލަބޮލިކޮށް، ތަންތަނަށް ގެއްލުންދޭން ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ފުލުހުން ބުނީ، މާލެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުންދޭން އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށެވެ.
ފުލުހުންގެ ތުހުމަތުތައް ދޮގުކޮށް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ، އެ ޕާޓީގެ އެއްވުމުގައި ހަމަނުޖެހުން ހިންގަން އުޅެނީ ސަރުކާރުން ގުރޫޕުތަކަށް ފައިސާ ދީގެން ކަމަށެވެ.