ads
އެމްޑީޕީ މުޒާހަރާގެ އެންމެ ކުރީ ސަފުގައި ރައީސް އިބޫ- ފޮޓޯ ސޯޝަލް މީޑިއާ
އެމްޑީޕީ މުޒާހަރާގެ އެންމެ ކުރީ ސަފުގައި ރައީސް އިބޫ
މާލޭގައި އެމްޑީޕީން ކުރަމުން އަންނަ މުޒާހަރާގެ އެންމެ ކުރިއަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަރާވަޑައިގަތުމާއެކު މުޒާހަރާގެ ފޯރި ގަދަވެއްޖެ އެވެ.
Advertisement

މާލޭގައި އެމްޑީޕީން މިރޭ ކުރަމުން އަންނަ މުޒާހަރާގެ އެންމެ ކުރީ ސަފުގައި ރައީސް އިބޫގެ އިތުރުން އިބޫގެ ނައިބު ރައީސް ފައިސަލް ނަސީމްވެސް ހުންނެވި ކަމަށް ރިޕޯޓްތައް ބުނެ އެވެ. 

ރައީސް އިބޫއާއި ފައިސަލްއާއެކު އެމްޑީޕީގެ ލީޑަޝިޕްގެ އެންމެ އިސް ބޭފުޅުންވެސް ތިއްބެވީ މުޒާހަރާގެ އެންމެ ކުރީ ސަފުގަ އެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އަދި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އެ އެއްވުމުގައި ބައިވެރިވުމަށް ރަށްރަށުން ވެސް ގިނަ އަދަދެއްގެ މީހުން މާލެ އައިސްފައިވެ އެވެ.


އެމްޑީޕީން އިސްވެ އޮވެ މާލޭގައި ކުރިއަށް ގެންދާ މުޒާހަރާގެ އިސް ސަފަށް ކުރީގެ ރައީސް އަދި ނައިބު އަރާވަޑައިގެންނެވިއިރު، މުޒާހަރާގެ ބައިވެރިންނާމެދު ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުންވަނީ ދީފަ އެވެ. 

ފުލުހުން މީގެ އިރުކޮޅެއް ކުރިން ބުނީ، އެމްޑީޕީގެ އެއްވުން ބާއްވަން ކުރިން ހުއްދަ ދީފައިވާ ރޫޓާ ހިލާފަށް، މަޖީދީ މަގުން ކުރިއަށް ދާން ފެށުމާ ގުޅިގެން، އެ ގޮތަށް އަމަލު ނުކުރަން ތަކުރާރުކޮށް ނަސޭހަތް ދީ، އިންޒާރު ދިން ކަމަށެވެ.

އިދިކޮޅު އެމްޑީޕީގެ އެއްވުމަކީ ސުލްހަވެރި ސިޔާސީ ހަރަކާތެއް ނޫން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާންވަނީ ވިދާޅުވެފަ އެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިހުސާން ވިދާޅުވީ އެއްވުމުގެ ބައިވެރިއަކު ޑިއުޓީގައި ހުރި ފުލުހެއްގެ ޝީލްޑެއް ގަދަކަމުން އަތުލުމުން މިއީ ސުލްހަވެރި ސިޔާސީ ހަރަކާތެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށެވެ.

މަގުތަކަށް ނުކުތުމުގެ ކުރިން، މުޒާހަރާގައި ވާހަކަ ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މުޒާހަރާގެ ބައިވެރިންގެ ފަރާތުން ސަރުކާރަށް ކުރާ ޑިމާންޑްތައް އިއްވެވި އެވެ. އެއީ:

  • ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހައްގުތައް ބަނދެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު، މާދަމާ ޖަލްސާއެއް ބާއްވާފައި އުވާލުމަށް
  • ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރޭގައި ހިންގަމުންދާ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވާލައި، އެ ކުންފުނިތަކުން ދިވެހި ވިޔަފާރިތަކަށް ދަރާފައިވާ ފައިސާ ކުރިއަށް އޮތް ފަސް ހަފުތާގެ ތެރޭގައި ދައްކާ ހަލާސްކުރުމަށް
  • ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތައް އުވާލުމަށް އަދި ރަށްރަށުގެ ބާރުވެރިކަން ނައްތާލުން ހުއްޓުވާލުމަށް
  • ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް، މީޑިއާތައް ސަރުކާރަށް ކޮންޓްރޯލްކުރެވޭ ގޮތަށް ހެދި ގާނޫނު އުވާލުމަށް
  • ރައްކާތެރި ބޭސްތަކާއި އާސަންދަގެ ހިދުމަތް އެއްވެސް ދަތިކަމެއް ނެތި، މި ސަރުކާރު އައުމުގެ ކުރިން ލިބެމުން ދިޔަ ގޮތަށް ދޭން ފެށުމަށް

މުޅި އާޓީފިޝަލް ބީޗު ސަރަހައްދު ފުރިފައިވާއިރު، މި އެއްވުމުގެ މަގްސަދަކީ މި ސަރުކާރަށް ތުހުމަތުކުރާ ކޮރަޕްޝަންގެ އެކި މައްސަލަތަކާ ދެކޮޅަށް އަޑުއުފުލުމެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުންތަކުގެ އަޑު އިއްވުން ކަމަށް އެމްޑީޕީން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް