މީޑިއާ ކޮމިޝަނަށް ކުރިމަތިލާން ހުޅުވާލިއިރު އެ ގާނޫނު މަޖިލީހުން ފާސްކޮށް ތަސްދީގު ކުރީ ވެސް އެކަމާ ދެކޮޅަށް ނޫސްވެރިން އަޑުއުފުލަމުން ދަނިކޮށެވެ. ރާއްޖޭގެ ގިނަ މީޑިއާ ތަކެއް ތަމްސީލުކުރާ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) ވަނީ މި ގާނޫނަށް އަމަލު ނުކުރާނެ ކަމަށް ބުނެފަ އެވެ. އަދި މި ގާނޫނޫގެ ދަށުން ބާއްވާ އިންތިހާބު ވެސް ބޯއިކޮޓް ކުރާނެ ކަމަށް އެމްޖޭއޭ ވަނީ ބުނެފަ އެވެ.
މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އެކުލެވޭނީ 7 މެމްބަރުންގެ މައްޗަށެވެ. އެކަމަކު އޭގެ ތެރެއިން ތިން މެމްބަރުން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ. ބާކީ ހަތަރު މެމްބަރުން ހޮވާނީ މީޑިއާތަކުގެ މެދުގައި ވޯޓުންނެވެ.
މީޑިއާ ކޮމިޝަންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރު ކަމަށް ކުރިމަތިލާން ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ.
އިިލެކްޝަން ކޮމިޝަނުން ހުޅުވާލީ ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެމްބަރުންނާއި އެހެނިހެން މީޑިއާތައް ތަމްސީލުކުރާނެ ދެ މެމްބަރަކު ހޯދުމަށެވެ. އެ އިއުލާނުގެ މުއްދަތު ހަމަވިއިރު، ކުރިމަތިލީ މީހުންގެ އަދަދު މިރޭ އެ ކޮމިޝަނުން ވަނީ އާންމުކޮށްފަ އެވެ.
މީޑިއާތަކުން އިންތިހާބު ކުރާ ހަތަރު މަގާމުތަކުގެ ތެރޭގައި ހިމެނެނީ ބްރޯޑްކާސްޓަރުން ތަމްސީލު ކުރާ ދެ މެންބަރަކާއި އޮންލައިން ނުވަތަ އެހެން މީޑިއާތައް ތަމްސީލު ކުރާ ދެ މެންބަރުންނެވެ.
އިސީން ބުނީ ސުންގަޑި ހަމަވިއިރު ޖުމްލަ ހަ ކެންޑިޑޭޓުން ކުރިމަތިލި ކަމަށެވެ. މީގެ ތެރެއިން ތިން މީހެއްގެ ކެންޑިޑަސީ ގަބޫލުކޮށް އެކަކުގެ ކެންޑިޑެސީ ބާތިލްކޮށްފައިވާ ކަމަށް އީސީން ބުންޏެވެ. އަދި ކެންޑިޑެސީ ގަބޫލުކޮށްފައިވާ ތިން މީހުންގެ ތެރެއިން އެކަކުގެ ނަން އަނބުރާ ގެންދިއުމަށް އެދި އީސީއަށް ވަނީ ހުށަހަޅައިފަ އެވެ. އެހެންވެ، އިންތިހާބަކާނުލައި، ބާކީ ތިއްބެވި ދެ ބޭފުޅުން ވަނީ މަގާމަށް އިންތިހާބުވެފަ އެވެ.
މީޑިއާތައް ތަމްސީލް ކުރާ މެމްބަރުންގެ މަގާމަށް ދެ މީހުން ފޯމް ހުށަހެޅިއިރު، އެކަކުގެ ކެންޑިޑެސީ ގަބޫލުކޮށްފައެއް ނުވެ އެވެ. ކެންޑިޑެސީ ބަލައިނުގަތް ސަބަބު އަދި ސާފެއް ނޫނެވެ.