ރައީސް އޮފީހުން މިއަދު ބުނީ މި މަޝްރޫއު ކުރިއަށްގެންދިއުމަށް ނިންމަވާފައިވަނީ ރާއްޖެއަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމާއި، ކެރިފޯރުންތެރި އަދި ދެމެހެއްޓެނިވި ހައުސިން މާކެޓެއް އުފެއްދުމުގެ މަގުސަދުގައި ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، ތަންފީޒުކުރަން ހަމަޖެހިފައިވާ ކަންކަން:
1- އިމާރާތްކުރާ ފަރާތްތަކަށް ހާއްސަ ލުއިތަކެއް ދިނުމާއެކު، އެ ފަރާތްތަކުގެ އަމިއްލަ ހަރަދުގައި އަތްފޯރާފަށުގެ ބޯހިޔާވަހިކަމުގެ ޔުނިޓްތައް ތަރައްގީކުރުމަށް ފުރުސަތު ހުޅުވާލުން.
2- މިގޮތަށް ތަރައްގީކުރާ ބޯހިޔާވަހިކަމުގެ ޔުނިޓުތައް ގަންނަ ފަރާތްތަކަށް ބޭންކް ފައިނޭންސް ލިބޭނެ މަގު ތަނަވަސްކުރުމަށްޓަކައި، އެންޑް-ޔޫސަރ ފައިނޭންސްގެ ހާއްސަ މޯގޭޖް ސްކީމެއް ބޭންކްތަކާ މަޝްވަރާކޮށްގެން ތައާރަފްކުރުން.
3- މާލީ އިދާރާތަކުގެ އެހީތެރިކަމާއެކު ބޯހިޔާވަހިކަމުގެ ޔުނިޓުތައް ތަރައްގީކޮށް، ލީޒް-ޓު-އޯން މޮޑެލްއެއްގެ ދަށުން އާންމު ރައްޔިތުންނަށް އެ ޔުނިޓުތައް މިލްކުކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.
4- ޑިވެލޮޕަރުންގެ އަތުން ސަރުކާރުން ބައެއް ޔުނިޓުތައް ގަނެ، އެ ޔުނިޓުތަކަކީ ކަނޑައެޅޭ ވަކި ޝަރުތުތަކެއް ފުރިހަމަވާ ފަރާތްތަކަށް ފޯރުކޮށްދޭ ޔުނިޓުތަކެއް ކަމުގައި ކަނޑައެޅުން.
މީގެ އިތުރުން، މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ ކަންކަން ތަންފީޒުކުރުމަށްޓަކައި ބޭނުންވާ ގާނޫނީ ބާރުވެރިކަން ހޯދުމަށްޓަކައި، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން މިހާރު ހުށަހަޅުއްވާފައިވާ ބޯހިޔާވަހިކަމުގެ ބިލަށް، މި މަޝްރޫއާ ގުޅޭ ކަންކަން އިތުރުކުރައްވައިގެން ކުރިއަށް ގެންދެވުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފަ އެވެ.
ހުރިހާ ދިވެހީންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެ ވައުދުފުޅުގެ ދަށުން، އެއްވެސް ބޯހިޔާވަހިކަމެއް ނެތި މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ އުމުރުން 18 އަހަރުން މަތީގެ ހުރިހާ އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫއަށް މި އަހަރު ހުޅުވާލާނެ ކަމަށް މިދިޔަ މެއި މަހު އެ މަނިކުފާނު ވިދާޅުވެފައި ވެއެވެ.
މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއު، ރަސްމާލޭގެ ގާތްގަނޑަކަށް 100 ހެކްޓަރުގެ ބިން މިހާރު ވަނީ ހިއްކާފަ އެވެ. އެއީ މަޝްރޫއުގެ 10 ޕަސެންޓެވެ. ނުވަތަ ހުޅުމާލެ 1 ގެ ދެބައިކުޅަ އެއްބައަށްވުރެ ބޮޑު ސަރަހައްދެއް ކަމަށް އެޗްޑީސީން ހާމަކޮށްފައިވެ އެވެ.
ރަސްމާލެއިން 11،000 ގޯއްޗާއި 26،000 އަށްވުރެ ގިނަ ފްލެޓު ދޫކުރާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއުލާންކުރައްވައިފަ އެވެ. އެއީ 240،000 އަށްވުރެ ބޮޑު އާބާދީއަކަށެވެ. ގެދޮރުވެރިކަމުގެ އިތުރުން ވިޔަފާރިތަކާއި އިންޑަސްޓްރިއަލް އެކި ބޭނުންތައް އަދި ޓޫރިޒަމްގެ ތަރައްގީއަށް އެކި މަސައްކަތް އެތަނުގައި ކުރާނެ އެވެ.