ގާނޫނުއަސާސީއަށް މި އިސްލާހު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް އެވެ.
ގާނޫނުއަސާސީގެ 138 ވަނަ މާއްދާގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން ހާމަކުރުން ވަނީ ލާޒިމުކޮށްފަ އެވެ.
އެ މާއްދާގެ ދަށުން ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެންބަރަކު، ކޮންމެ އަހަރަކު އެއްފަހަރު އެ މެންބަރެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރީގެ މަސްލަހަތުތަކާޢި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް އޮޑިޓާ ޖެނެރަލަށް ހުށަހެޅުން ލާޒިމުވި ނަމަވެސް މި ބަޔާން ހުށަހަޅަންޖެހޭ ވަކި މުއްދަތެއް ނުވަތަ ވަކި ތާރީހެއް ކަނޑައަޅާފައިނުވެ އެވެ.
މެންބަރު ހުށަހެޅުއްވި އިސްލާހުގައިވާ އަހަރަކީ ވަޒީރުންގެ މަޖިލީހުގެ މަގާމާ ހަވާލުވާ ތާރީހުން ފެށިގެން އެއް އަހަރުދުވަސް ހަމަވާ ތާރީހެވެ. އެއް އަހަރު ދުވަހުގެ މުއްދަތު ގުނާ ނިމޭ ތާރީހުން ފެށިގެން 90 ދުވަހުގެ ތެރޭގައި އެ ބަޔާން ރައްޔިތުންގެ މަޖިލީހާއި އޮޑިޓާ ޖެނެރަލަށް ހުށަހަޅަންޖެހޭނެ ކަމަށް އިސްލާހުގައިވެ އެވެ.
އެ ބަޔާނަކީ އިންސްޓިޓިއުޓް އޮފް ޗާޑަށް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް އިން އޮޑިޓް ލައިސަންސް ދޫކޮށްފައިވާ ލައިސަންސްޑް އޮޑިޓަރަކު ވެރިފައި ކޮށްފައިވާ ބަޔާނަކަށް ވާންޖެހޭނެ ކަމަށްވެސް އިސްލާހުގައިވެ އެވެ.
އިސްލާހުގައި ވަނީ މުއްދަތުގެ ތެރޭގައި ބަޔާން ހުށަނާޅައިފިނަމަ މުދަލާއި ފައިސާގެ ބަޔާން ހުށަހެޅުމާ ހަމައަށް ހިނގާ ކޮންމެ ދުވަހަކަށް ވަޒީރެއްގެ މުސާރައިން ދުވާލަކަށް ޖެހޭ އަދަދު ކެނޑުމަށް ހިމަނާފަ އެވެ.
މަޖިލީހަށާއި އޮޑިޓާ ޖެނެރަލަށް މާލީ ބަޔާން ހުށަޅަން، ލާޒިމުވާ މަގާމުތައް އިތުރުކުރަން ވެސް ކުޑޫގެ ބިލުގައި ހުށަހަޅާފައި ވެ އެވެ. އެގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަނާއި ސިވިލްސާސް ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަން ވެސް ހިމެނޭ ގޮތުން ދައުލަތުގެ ހުރިހާ މިނިވަން މުއައްސަސާތަކެއްގެ މެންބަރުންނަކީ ވެސް މާލީ ބަޔާން ހުށަހަޅަން ޖެހޭ ބައެއް ކަމަށް ކަނޑައަޅަން ވެސް އެ ކަރުދާހުގައި ހުށަހަޅާފައި ވެ އެވެ.
ކަރުދާހުގައި ކުޑޫ ވިދާޅުވެފައިވާ ގޮތުގައި މާލީ ބަޔާން ހުށަހެޅުމުގެ އުސޫލުގައި އެ ކޮމިޝަންތަކާއި މިނިވަން މުއައްސަސާތައް ހިމަން ޖެހެނީ އެއީ ގާނޫނުއަސާސީއާއި ގާނޫނުތަކުން އުފައްދާފައިވާ މުއައްސަސާތައް ކަމަށް ވާތީ އެވެ.
މީގެ އިތުރުން ވަޒީރުން މަގާމާ ހަވާލުވިއިރު އޭނާގަށް ލިބިފައިވާ އާމްދަނީ އާއި އޭނާގެ ނަމުގައި ހުރި މުދަލާޢި އަދާކުރަންޖެހޭ ދަރަނީގެ ޒިންމާ އެނގޭނެ މުދަލާއި ފައިސާގެ ބަޔާޏެއް މަގާމާ ހަވާޅުވާ ތާރީހުން ފެށިގެން 30 ދުވަސް ތެރޭގައި ރައްޔިތުންގެ މަޖިލީހާޢި އޮޑިޓާ ޖެނެރަލަށް ހުށަހެޅުމަށްވެސް އިސްލާހުގައި ހިމަނާފައިވެ އެވެ.
މި ބަޔާންތައް އޮޑިޓާ ޖެނެރަލް އާންމުކޮށް ޝާއިއުކުރުމަށްވެސް އިސްލާހުގައި ވަނީ ހިމަނާފަ އެވެ. އަދި އެކި ގާނޫނުތަކުގައި މިހާރު ހުރި މާލީ ބަޔާނުގެ އުސޫލުތައް، އެއް ގާނޫނަކަށް ގެނެސް މިހާރަށް ވުރެން ބޮޑަށް މާލީ ބަޔާނުގެ ކަންކަން ހަރުދަނާކުރަން ހުރިހާ މުއައްސަސާއެއް ހިމެނޭހެން ގާނޫނެއް ހަދަން ވެސް އޭނާ ހުށަހެޅުއްވި އެވެ.