ރިޕޯޓްތައް ބުނާ ގޮތުން، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ކުރީިގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކުރާ ހިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާގެ ހުކުމް އަންނަ ބުދަ ދުވަހު އިއްވަން ކްރިމިނަލް ކޯޓުންވަނީ ހަމަ ޖައްސާފައެވެ.
ބައްސާމްގެ މައްޗަށް ދައުލަތުން ދައުވާކުރަނީި އެފްއޭއެމްގެ ރައީސްގެ މަގާމުގައި އޭނާ ހުރިއިރު 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްއަށް ޖަމާކުރި ފައިސާގެ ތެރެއިން 10،000 ޑޮލަރު (154،000ރ.) ބޭންކަށް ލިޔުންތަކެއް ހުށަހަޅައިގެން ބައްސާމްގެ އެކައުންޓަކަށް ޖަމާކުރި ކަމަށް ބުނެ އެވެ.
އެ ފައިސާ ޖަމާކުރީ ބޭންކް ޗާޖުތައް އުނިކުރުމަށް ފަހު ކަމަށް ވާތީ ބައްސާމްގެ އެކައުންޓަށް ޖަމާވީ 9،999 ޑޮލަރެވެ. މި ފައިސާގެ ތެރެއިން 1،910 ޑޮލަރު އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުމަށް ފަހު، ބައްސާމް އާއި އޭނާގެ އަނބިކަނބަލުން އައިމިނަތު މައުރީނާގެ ހިއްސާ އޮންނަ ގްލޭސިއާ އިންވެސްޓްމަންޓްގެ އެކައުންޓަށް އެ ފައިސާ ޖަމާކޮށް އެ ކުންފުނީގެ އެކި ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުންނެވެ.
މީގެ އިތުރުން ބައްސާމް ކުއްޔަށް ނަގައިގެން އުޅުނު ރެހެންދި ފްލެޓްގެ ކުލި ދެއްކުމަށާއި އެފްއޭއެމްއާ އެއްވެސް ގުޅުމެއް ނެތް ކަންކަމަށް، އެ ފައިސާ ބައްސާމް ބޭނުންކޮށްފައިވާ ކަމަށް ދައުވާގައި ބުނެފައިވެ އެވެ. މި ދައުވާގައި ދައުލަތުން ވަނީ މި 10،000 ޑޮލަރު ދައުލަތަށް ނަގައިދިނުމަށް އެދިފަ އެވެ. މި ކުށުގެ އަސާސީ އަދަބަކީ 10،000 ޑޮލަރާއި އެއް މިލިއަން ޑޮލަރާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާ އެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.