ހައުސިން މިނިސްޓްރީން މިއަދު ބުނީ ގެދޮރުވެރިޔާ ސްކީމުން ލިބޭ ފުލެޓްތައް ކަނޑައެޅުމަށް ނޮވެމްބަރު 16، 2023 ވަނަ ދުވަހު ކުރިއަށްގެންދިޔަ ގުރުއަތު ނެގުމުގައި، ފްލެޓް ލިބުމަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން 73 އިން ފެށިގެން މަތިން މާކްސް ލިބި ދެ ކޮޓަރީގެ ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައިނުވާ ފަރާތްތަކާއި، 76 އަށްވުރެ މަތިން މާކްސް ލިބި ތިން ކޮޓަރީގެ ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައިނުވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ގުރުއަތުގައި ދެމަފިރިންނަށް ވަކިން ފްލެޓްލިބޭ ހާލަތުގައި، ދެމަފިރިންގެ ތެރެއިން އެއްފަރާތުން ފްލެޓް ދޫކޮށްލުމަށްފަހު، ފްލެޓް ލިބޭ އަދި ގުރުއަތު ނަގާފައިނުވާ ފަރާތްތައްވެސް ހިމެނޭކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މި ގުރުއަތު ގެނުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 3:00 އިން ފެށިގެން ހައުސިން މިނިސްޓްރީގަ އެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކުރާ 4،000 ފްލެޓް ލިބޭ މީހުންނާ އެކު އެއްބަސްވުން ހަދައި، ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިހާރު ވަނީ ފަށައިފަ އެވެ. އެކަމަކު، އެ ތަންތަނުގައި ދިރިއުޅުމުގެ ހުއްދަ އެޗްޑީސީން އަދި ނުދެ އެވެ.
ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކޮށް، ސެކިއުރިޓީ ޑިޕޮސިޓް ދައްކަން އަންގަމުން އަންނަނީ ފްލެޓްތައް ނިމިފައިވާ ތަރުތީބުންނެވެ. އެފްޑީސީން މިދިޔަ އާދިއްތަ ދުވަހު ބުނި ގޮތުގައި، މިހާތަނަށް 3،140 މީހުން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
އެފްޑީސީ ފްލެޓުތަކަށް ކަނޑައަޅާފައިވާ ކުލި:
ދެ ކޮޓަރީގެ އެޕާޓުމެންޓަކަށް މަހު ކުއްޔަށް 7،000ރ. އަދި މެއިންޓެނެންސްއަށް 1،000ރ.އާ އެކު މަހަކު ޖުމްލަ 8،000ރ.؛ ޑައުންޕޭމެންޓަށް 15،000ރ.
ތިން ކޮޓަރީގެ އެޕާޓުމެންޓަށް މަހު ކުއްޔަށް 9،000ރ. އަދި މެއިންޓެނެންސްއަށް 1،500ރ.އާ އެކު މަހަކު ޖުމްލަ 10،500ރ.؛ ޑައުންޕޭމެންޓަށް 25،000ރ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން އެފްޑީސީ އިން އަންނަނީ 32 ޓަވަރެއް ތަރައްގީ ކުރަމުންނެވެ.