ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީ ކާޑާއި ޕާސްޕޯޓް ހައްދައި ދޫކުރުމުގެ ޙިދުމަތް ގާއިމްކޮށް ނިމުން ފާހަގަކޮށްފައިވަނީ އދ.އަތޮޅު މަހިބަދޫގައި ޕާސްޕޯޓުގެ ހިދުމަތް ފެށުމާއެކު އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކޮންމެ ރަށަކުން ޕާސްޕޯޓާއި އައިޑީކާޑު ދޫކުރުމުގެ ހިދުމަތަކީ ރަށްރަށުން ގިނަ ބަޔަކު އޭރު އެދެމުން ދިޔަ ކަމެކެވެ. ޕާސްޕޯޓުގެ ހިދުމަތަށް އެދޭތީ ފަސޭހަ ކުރުމުގެ ގޮތުން ހުރިހާ އަތޮޅަކުން ވެސް ޕާސްޕޯޓުގެ ހިދުމަތް ދިނުމުގެ މަސައްކަތް މި ސަރުކާރުން ފެށީ މިދިޔަ އަހަރު ނޮވެމްބަރު މަހު އެވެ.
އެ މަސައްކަތް ފެށިއިރު މާލޭ ފިޔަވައި ޕާސްޕޯޓުގެ ހިދުމަތް ލިބޭ ތަންތަނަކީ ހުޅުމާލޭ ފޭސް އެކަކާއި ފޭސް ދޭއްގެ އިތުރުން ވިލިމާލެ އާއި ލ. ފޮނަދޫ އަދި ދ. ކުޑަހުވަދޫ އެވެ. އަދި އައިޑީކާޑުގެ ހިދުމަތް ފަށާފައި ވަނީ ހުޅުމާލޭގެ ފޭސް އެކަކާއި ދޭއްގެ އިތުރުން ވިލިމާލެ އާއި ހދ. ކުޅުދުއްފުށީގަ އެވެ.
މަހިބަދޫގައި ޕާސްޕޯޓުގެ ހިދުމަތް ދޭން މިރޭ ފެށުން - ފޮޓޯ: ރައީސް އޮފީސް
މީގެ ކުރިން އެ ހިދުމަތް ހޯދަން ދާން ޖެހެނީ ބޮޑު ހަރަދުކޮށް މާލެއަށެވެ. ހާއްސަކޮށް ޕާސްޕޯޓުގެ ހިދުމަތަށެވެ. ނަމަވެސް ރައީސްގެ އެ ނިންމެވުމާއެކީ، މިހާރު ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ވެސް އައިޑީ އާއި ޕާސްޕޯޓު ހައްދައި އެ އަތޮޅަކުން ލިބޭނެ އެވެ.
މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބާގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ މިއަހަރުގެ ނިޔަލަށް ހުރިހާ އަތޮޅަކުން އައިޑީ ކާޑާއި ޕާސްޕޯޓްގެ ހިދުމަތް ލިބޭނެ މަގުފަހިކޮށްދެއްވާނެ ކަމަށެވެ.
މަހިބަދޫގައި ޕާސްޕޯޓުގެ ހިދުމަތް ދޭން ފެށުމާއެކު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީ ކާޑުގެ އަދި ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަށް ރައީސް ވެވަޑައިގެންނެވި ވަޢުދު މިވަނީ ފުއްދަވާފަ އެވެ.