ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އަރި އަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އާ އިދާރާ ރަސްމީކޮށް ހުޅުއްވައިދެއްވައިފި އެވެ. މިކަމަށްޓަކައި އެރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރުންނާއި، އެ ދާއިރާގެ މެންބަރުންނާއި، ރަށު ކައުންސިލަރުންގެ އިތުރުން ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.
އާކޮށް ހުޅުވި މި އިމާރާތަކީ ޒަމާނީ ފެންވަރަށް، ޖާގައިގެ ގޮތުން ފަސޭހަކޮށް ތަރައްގީކޮށްފައިވާ ތަނެކެވެ. މި އިމާރާތުގައި ކައުންސިލް މެންބަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި އިދާރީ މުވައްޒަފުންނަށް މަސައްކަތް ކުރުމަށް އެކަށީގެންވާ ޖާގަ ގާއިމްކޮށްފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އިމާރާތް ހުޅުއްވައިދެއްވުމަށްފަހު، އިދާރާގެ ތެރެއަށް ޒިޔާރަތްކުރައްވައި، އޮފީސް ބައްލަވާލައްވާފައެވެ.
ރާއްޖޭގެ 160 އަށްވުރެ ގިނަ ކައުންސިލަށް އިމާރާތް ބާވެ، ޖާގައިގެ ދަތިކަން ދިމާވެފައިވާއިރު، މި މައްސަލައަށް ހައްލެއް ގެނައުމަށް ސަރުކާރުން ވަނީ ހާއްސަ މަޝްރޫއެއް ފަށާފައެވެ. އެގޮތުން، ސަރުކާރުގެ ޕީއެސްއައިޕީގެ ދަށުން 55 ކައުންސިލް އިމާރާތާއި ޗައިނާ ސަރުކާރުގެ އެހީގައި 50 ކައުންސިލް އިމާރާތް އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. ސަރުކާރުން ބުނީ މި ދައުރު ނިމޭއިރު ކައުންސިލްތަކުގެ ޖާގައިގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދެވޭނެ ކަމަށެވެ.