ads
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު
ޓްރައިބިއުނަލަށް ކުރިމަތިލީ މަހާޒަށް، ތަޅުމުން މި ފަހަރު ވެސް ބުނީ ނޫނެކޭ!
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލައްވާފައިވާ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރަށް ކޮމިޓީ މަރުހަލާގައި އެންމެ މަތީ މާކްސް ލިބުނު ނަމަވެސް، އޭނާއަށް ރުހުން ނުދޭން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފި އެވެ.
Advertisement

ޓެކްސް ޓްރައިބިއުނަލްގެ މެންބަރުކަމުގެ ދެ މަގާމެއް ހުސްވުމުން އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ހަ ބޭފުޅެއްގެ ނަން ރައީސް ވަނީ މަޖިލީހަށް ފޮނުއްވާފަ އެވެ. އެއީ އޭގެ ތެރެއިން ދެ ބޭފުޅަކަށް މަޖިލީހުން ރުހުން ހޯއްދެވުމަށެވެ. ރައީސް ފޮނުއްވި ލިސްޓްގެ އެންމެ ކުރީގައި އޮތީ މަހާޒްގެ ނަމެވެ. 

އެ ނަންތައް ޖުޑިޝަރީ ކޮމިޓީން އިއްޔެ ވަނީ ދިރާސާކޮށްފަ އެވެ. ކުރިމަތިލެއްވި ހަތް ބޭފުޅުންގެ ތެރެއިން، ކޮމިޓީން ފާސްވާ މާކްސް ކަމަށްވާ 75 އިންސައްތައަށް ވުރެ މަތިން މާކްސް ލިބުނީ ފަސް ބޭފުޅުންނަށެވެ. އެ ބޭފުޅުންގެ ތެރެއިން 97 އިންސައްތަ މާކްސް ލިބިވަޑައިގެން، ލިސްޓުގެ އެންމެ ކުރީގައި އުޅުއްވީ ވެސް މަހާޒެވެ.

ނަމަވެސް މަޖިލީހުގައި މިއަދު ނެގި ވޯޓުގައި އެ މަގާމަށް މަހާޒު އައްޔަން ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ ހަތަރު މެންބަރެކެވެ. އޭނާ އާއި ދެކޮޅަށް 41 މެންބަރުން ވޯޓު ދެއްވިއިރު ވަކިކޮޅަކަށް ވޯޓު ނުދެއްވީ އެންމެ މެންބަރެކެވެ.

ތަޅުމުން ފާސްވީ ދެވަނައަށް އެންމެ މަތީ މާކްސް ކޮމިޓީން ލިބުނު އިބްރާހިމް އަފީފްގެ ނަމެވެ. އޭނާއަށް ކޮމިޓީން ވަނީ 91 މާކްސް ދީފައެވެ. އޭނާ ޓްރައިބިއުނަލަށް އައްޔަންކުރަން ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި 53 މެންބަރުންގެ އިއްތިފާގުން ވަނީ އޭނާއަށް ރުހުން ދީފައެވެ.

ދަށު ކޯޓަށް ނުފޫޒު ފޯރުވިކަމުގެ ތުހުމަތެއް އުފައްދައި، ގައިރު ގާނޫނީ ތަހުގީގެއްގެ މައްޗަށް ބިނާކޮށް ފަނޑިޔާރުކަމުގެ މަގާމުން މަހާޒް ވަކިކުރަން މަޖިލީހުގެ ތަޅުމުން ފާސްކުރީ މެއި 14، ގަ އެވެ. އޭނާގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ވެސް މަގާމުން އެ ދުވަހު ވަކިކުރި އެވެ.

ސުޕްރިމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާދެއްވައި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު, މަގާމުން ވަކިކުރީ، މި ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުންނާއި، ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު، އިދިކޮޅުން ސުޕްރިމް ކޯޓަށް ވެއްދުމާ އެކު، ސުޕްރިމް ކޯޓުން އެ މައްސަލަ ބަލަނިކޮށެވެ.

މަޖިލިހުގައި ނެގި ވޯޓަށް ފަހު، މަހާޒު ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގައި މަސައްކަތް ކުރެއްވިއިރު، އެއްވެސް ނުފޫޒަކަށް ތަބާނުވެ މަސައްކަތް ކުރެއްވުނީތީ އުފާ ކުރައްވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް