އީސީން ސަރުކާރުގެ ގެޒެޓްގައި މިއަދު ކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުގައި، އެ ވޯޓު ލުން ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 8 އިން ހަވީރު 4އަށެވެ.
ވޯޓު ގުނަން ފަށާނީ ހަމަ އެ ދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސް ވަގުތުކޮޅަކަށް ފަހުގަ އެވެ.
ރަސްމީ ނަތީޖާ މި މަހުގެ 26 ވަނަ ދުވަހު އިއުލާންކުރާނެ ކަމަށް ވެސް އީސީން ބުންޏެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި އެ ވޯޓުގައި އަހާނީ އައްޑޫގައި ވަކިވަކި ކައުންސިލެއް އޮންނަން ބޭނުންތޯ ނުވަތަ މިހާރުގެ ގޮތަށް އައްޑޫ ސިޓީ ކައުންސިލް ގޮތަށް ކުރިއަށް ގެންދާނީތޯ އެވެ. މިކަމުގައި ސަރުކާރުގެ ވަކި ސްޓޭންޑެއް ނެތް ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
މިހާރު އައްޑޫ އަތޮޅުގެ ލާމަރުކަޒީ ހިންގުން އޮންނަނީ އެ ދެ ރަށާއި ގުޅިފައިވާ ހަތަރު ރަށް ވެސް ހިމެނޭ ގޮތަށް މުޅި އަތޮޅު އެއް ސިޓީ ކައުންސިލަކުން ހިންގާ ގޮތަށެވެ.
އައްޑޫ ސިޓީ ކައުންސިލް އޮންނަންވީ ގޮތާ ގުޅޭ ގޮތުން ނަގާ ވޯޓަކީ، ފެންނަ ނުފެންނަ ވޯޓު ނެގުމާ ގުޅޭ ގޮތުން ހަދާފައިވާ އާ ގާނޫނުގެ ދަށުން ނަގާ ފުރަތަމަ ވޯޓަށް ވާނެ އެވެ.
ކައުންސިލް އޮންނަންވީ ގޮތާ ގުޅޭ ގޮތުން ވޯޓަށް އަހާއިރު، ފޭދޫގެ އާބާދީއަކީ 5،810 މީހުންނެވެ. ހުޅުދޫގައި 3,742 މީހުން ދިރިއުޅޭއިރު، މީދޫގައި އަންނަނީ 3،074 މީހުން ދިރިއުޅެ އެވެ.
އައްޑު އަތޮޅު އެއް ސިޓީ ކައުންސިލަކުން ހިންގުމުގެ ބަދަލުގައި ވަކިވަކި ކައުންސިލްތައް ހަދައިގެން "އައްޑޫ ރުޅާލަން" ރައީސް މުހައްމަދު މުއިއްޒު އުޅުއްވަނީ އައްޑޫއަށް އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ނުފުއްދޭނެކަން ޔަގީންވުމުން ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވަނީ ވިދާޅުވެފަ އެވެ.