ads
ހަލީމަތު ލަމްހާ ހައިކޯޓުގައި
ލަމްހާ ބަންދުކުރާވަރުގެ ނުރައްކަލެއް އޮތްތޯ ބަލަން ދައުލަތަށް އަލުން އަންގައިފި
އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާ (މޭރީ)ގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ ހަލީމަތު ލަމްހާ އަބްދުއްރަހްމާނު އަލުން ބަންދުކުރަންޖެހޭ ވަރުގެ ނުރައްކަލެއް އޮތްތޯ ބަލަން ހަދަން އެންގި ރިސްކް އެސެސްމަންޓް ދައުލަތުން ނުހަދާ އޮތުމުން އެކަމަށް ދެ ވަނަ ފުރުސަތެއް އިއްޔެ ކްރިމިނަލް ކޯޓުން ދީފި އެވެ.
Advertisement

އެ މައްސަލަ ބައްލަވާ ގާޒީ ހުސެއިން ފާއިޒް ރަޝާދު އިއްޔެ ވިދާޅުވީ އޭނާ ބަންދުކުރުމާ މެދު ގޮތެއް ކަނޑައެޅޭނީ އެ އެސެސްމަންޓަށް ބެލުމަށް ފަހު ކަމަށެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް ލަމްހާ ފުރަތަމަ ބަންދުން  ނޮވެމްބަރު 2023ގައި ދޫކޮށްލާފައި ވާއިރު އޭގެ ފަހުން މިހާތަނަށް ދެ ފަހަރެއްގެ މަތިން ބަންދުން ދޫކޮށްލުން ގޯސްކަމަށް ނިންމައި އަލުން ބަންދާ މެދު ގޮތެއް ކަނޑައަޅަން ހައި ކޯޓުން އަންގައިގެން ލަމްހާ ވަނީ ބަންދުކޮށްފަ އެވެ.  

ކްރިމިނަލް ކޯޓުން މިފަހުން އަނެއްކާ ވެސް ވަނީ އޭނާ ބަންދުން ދޫކޮށްލާފައި ވާއިރު ލަމްހާ ބަންދުކޮށްދިނުމަށް މި މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުން އަނެއްކާ ވެސް އެދިފައިވެ އެވެ. މައްސަލަ ބައްލަވާ ގާޒީ ފާއިޒް އެ ދުވަހު ވަނީ އޭނާ ބަންދުކުރަންޖެހޭ ވަރުގެ ނުރައްކަލެއް އޮތްތޯ ބަލަން ރިސްކް އެސެސްމަންޓެއް ހަދައި، ހުށަހެޅުމަށް ދައުލަތަށް އަންގާފައި އެވެ.

މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ ފާއިޒް ވިދާޅުވީ އެ އެސެސްމަންޓް ހަދަން ދައުލަތަށް އަންގާފައިި ވިޔަސް، މިއަދާ ހަމައަށް ވެސް އެކަން ކޮށްފަނުވާ ކަމަށެވެ.

އެ އެސެސްމަންޓް ނުހަދާ އޮތީ ކީއްވެތޯ ސުވާލުކުރުމުން ދައުލަތުގެ ވަކީލު ޝާމާ ނަސީރު ވިދާޅުވީ އެ އެސެސްމަންޓް ހަދާފައި ނުވަނީ ބަންދުކޮށްދޭން އެދޭ ހާލަތުގައި އެފަދަ އެެސެސްމަންޓެއް ހެދުމަށް ވަކި އިންތިޒާމުތަކެއް ނުވަތަ އުސޫލުތަކެއް ހަމަޖެހިފައި ނެތުމުން ކަމަށެވެ.

ދައުލަތުގެ އެ ވާހަކަަތަކާ ގުޅިގެން ފާއިޒް ވިދާޅުވީ އެ އެސެސްމަންޓް ހަދަން އެންގީ، ލަމްހާ ބަންދުން ދޫކޮށްލާފައި ހުންނަތާ މިހާރު ދުވަސްތަކެއް ވެފައިވާތީ، އަލުން އޭނާ ބަންދުކުރަން ޖެހޭ ނަމަ، ދޫކޮށްލާފައި ހުރުމުގެ ސަބަބުން މުޖުތަމައުއަށް ނުރައްކާ އޮތީ ކިހާ މިންވަރަަކަށްތޯ ޔަގީން ކުރުމަށް ކަމަށެވެ.

އެކަން ޔަގީންކުރެވޭނީ ބަންދުން ދޫކޮށްލާފައި ހުރި މުއްދަތުގައި ލަމްހާގެ އަމަލުތައް ހުރި ގޮތެއް ބަލައިގެން ކަމަށް ގާޒީ ވިދާޅުވި އެެވެ.

"ލަމްހާ ބަންދުން ދޫކޮށްލާފައި ހުރީ ފުލުހުންގެ އެކްޓިކް މޮޮނިޓަރިންގައެއް ނޫން ކަމަށްވާތީ އެސެސްމަންޓެއްގެ ގޮތަށް އެކަން ހުށަހެޅެން ނެތް. އެންމެ ފުރަތަމަ ދުވަހުން ފެށިގެން ނުރައްކާ އޮތް މިންވަރަށް ލަމްހާ ދޫކޮށްލާފައި ހުރުމަކީ މިހާރު ވެސް މުޖުތަމައުއަށް ނުރައްކާ އޮތް ކަމެއް ކަމަށް ގަބޫލުކުރަން" ޝާމާ ވިދާޅުވި އެވެ

ރައްދުގައި ލަމްހާގެ ވަކީލު އަހުމަދު ޔާމީން ވިދާޅުވީ ލަމްހާ ބަރާބަރަށް މޮނިޓާކުރަންޖެހޭ ސަބަބެއް ވެސް ނެތް ކަމަށާއި އޭނާއަކީ ބޭރަށްދާ މީހެއް ނޫން ކަމަށެވެ. އަދި މިހާތަަނަށް ބޭރަށް ދިޔަ ދެ ފަހަރު ވެސް ދިޔައީ ފުލުހުންގެ ހުއްދަ ހޯދައިގެން ކަމަށް ވިދާޅުވި އެވެ. 

ލަމްހާގެ ވަކީލު އަބްދުﷲ ޝާއިރު މިއަދުގެ އަޑުއެހުމުގައި ވިދާޅުވީ ލަމްހާގެ ފުށުން ނުރައްކާއޮތް ކަމަށް ދެކޭ ނަމަ ޝަރީއަތުން ހަދަން އެންގި އެސެސްމަންޓް ދައުލަތުން ހެއްދެވީސް ކަމަށެވެ. އެކަން ނުކޮށް އޮތީ ނުރައްކާ އޮތް ކަމަށް ދައުލަތަށް ވެސް ގަބޫލުނުކުރެވޭތީ ކަމަށް ޝާއިރު ވިދާޅުވި އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް