ނޯވޭގެ ނޯބެލް ކޮމިޓީގެ ޗެއާ ޖޯގެން ވެޓްނީ ފްރިޑްނީސް ވިދާޅުވީ މެޝާޑޯ އަށް ނޯބެލް އިނާމު ދޭން ނިންމީ ވެނެޒުއޭލާގެ ރައްޔިތުންނަށް ޑިމޮކްޓިކް ހައްގުތައް ހޯދައިދޭން ކުރެއްވި މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ކަމަށެވެ.
އެ އިނާމު އޭނާއަށް ދޭން ނިންމީ އަނިޔާ ވެރިކަމަކުން އިންސާފުވެރި ޑިމޮކްރަސީއަކަށް ވެނެޒުއޭލާ ބަދަލުކުރަން ކުރެއްވި ބުރަ މަސައްކަތް ފާހަގަކުރުމުގެ ގޮތުން ކަމަށް ވެސް ފްރިޑްނީސް ވިދާޅުވި އެވެ.
ނޯބެލް އިނާމު ދޭނެ ބޭފުޅަކު ކަނޑައަޅާ ޖޫރީން ބުނީ މެޝާޑޯ ފިއްލަވައިގެން ދިރިއުޅުއްވީ ވަރަށް ދަތިހާލެއްގައި ކަމުގަ އެވެ.
ވެނެޒުއޭލާގެ ދައުލަތުގެ އަނިޔާވެރިކަން އަމާޒުކޮށްފައި ވަނީ އެގައުމުގެ ރައްޔިތުންނަށް ކަމަށާއި އެކަމުގެ ސަބަބުން ގާތްގަނޑަކަށް އަށް މިލިޔަން މީހުން މިހާރު އެގައުމު ދޫކޮށް ގޮސްފައިވާ ކަމަށް ވެސް ފްރިޑްނީސް ވިދާޅުވި އެވެ.
މެޝާޑޯ އަކީ ކުރިން ވަަރަށް ބޮޑަށް ބައިބައިވެފައި އޮތް ވެނެޒުއޭލާގެ އިދިކޮޅު ފަރާތްތައް އެކުވެރިކުރުވި ޝަހުސިއްޔަތެއް ކަމަށް އޭނާ ވަނީ ފާހަގަ ކުރެއްވި އެވެ.
މި އިނާމު ލިބިވަޑައިގަތުމުން ހުންނެވީ ވަރަށް ބޮޑު ޝޮކެއްގައި ކަމަށާއި ވަރަށް އުފާވެސް ވެފައިވާ ކަމަށް ވެސް މެޝާޑޯ ވިދާޅުވި އެވެ.
ފާހަގަ ކޮށްލެވޭ ކަމަކީ ނޯބެލްގެ ސުލްހައިގެ އިނާމަށް މި އަހަރު ޓްރަމްޕުގެ ނަން އޭނާގެ ސަޕޯޓަރުންނާއި އޭނާގެ ފިކުރުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން އެތައް ފަހަރަކު ނޮމިނޭޓްކޮށްފައިވެ އެވެ.
އެމެރިކާގެ ރައީސްކަމަށް ދެވަނަ ފަހަރަށް ވަޑައިގެންނެވީއްސުރެ ޓްރަމްޕް ވިދާޅުވަމުން ގެންދެވީ އޭނާއަށް ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިގަންނަވަން ޖެހޭ ކަމަށެވެ. އެކަމަކު މި ޝަރަފްވެރި އިނާމު މި އަހަރު ވެސް ލިބިފައި ނުވާތީ ޓްރަމްޕް ވަނީ ފާޅުގައި ނުރުހުން ފާޅުކުރައްވައިފަ އެވެ.