ފުލެޓު ދީ ނުނިމި އުޅެނިކޮށް ބޮޑު އަގުގައި އެ ތަންތަން ކުއްޔަށް ދޭން ސޯޝަލް މީޑިއާގައި މިހާރުވެސް ވަނީ އިޝްތިހާރުތައް ކުރަން ފަށައިފަ އެވެ. އެގޮތުން ތިން ކޮޓަރީގެ އެޕާޓްމަންޓެއް 25،000ރ. އަށް ކުއްޔަށް ދޫކުރަން ވެސް އިޝްތިހާރު ޖަހާފައިވެ އެވެ.
މިކަމާއި ގުޅުގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ ސަރުކާރުގެ އިޖްތިމާއީ ބޯހިޔާވަހިކަމުގެ ތެރެއިން ދޫކޮށްފައިވާ ތަންތަނަކީ ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދައެއްކޮށް، ސަބްސިޑައިޒްކުރެވިފައިވާ އަގުތަކެއްގައި ދޫކޮށްފައިވާ ތަންތަން ކަމުގައިވާތީ، އެތަންތަން ބޮޑެތި އަގުތަކުގައި ކުއްޔަށްދީ، އެތަންތަން ދެވުނު ފަރާތް ފިޔަވާ އެހެން ފަރާތްތަކުން ދިރިއުޅުމަށްވެސް އަދި އެހެން ބޭނުމަކަށްވެސް ބޭނުންކުރުމަކީ ސަރުކާރުން ޤަބޫލުކުރާ ކަމެއްނޫން ކަމަށެވެ.
މުއްތަލިބު އިތުރަށް ވިދާޅުވީ، ހައުސިން މިނިސްޓްރީން އަންނަނީ، ސޯޝަލް ހައުސިންގެ ގޮތުގައި ދޫކޮށްފައިވާ ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް، ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ވީހާ ވެސް އަވަހަކަށް ފެށުމަށް މަސައްކަތް ކުރަމުން ކަމަށެވެ.
އެ ފްލެޓްތަކުގެ ބައެއް އެޕާޓްމަންޓްތައް ލިބުނު ބައެއް ފަރާތްތަކުން ވަނީ އެމީހުންނަށް ލިބުނު ތަން ކުއްޔަށް ދިނުމަށް ސޯޝަލް މީޑިއާގެ ބައެއް ޕޭޖްތަކުގައި އިސްތިހާރު ޖަހާފަ އެވެ.
އެ ފަދަ ބައެއް އިޝްތިހާރުތަކަށް ބަލާއިރު، ދެ ކޮޓަރި ނުވަތަ ތިން ކޮޓަރީގެ އެޕާޓްމެންޓެއް ދޫކުރަނީ 25،000 ރުފިޔާ އަށެވެ. އެއީ އެ ތަންތަނުގެ އަސްލު ވެރިން ސަރުކާރަށް ދައްކަން ޖެހޭ ކުލީގެ އެތައް ތަނެއް އިތުރު އަދަދެކެވެ.
ތިން ކޮޓަރީގެ ފްލެޓެއް 25،000 ރުފިޔާ އަށް ކުއްޔަށް ދޭން އިއުލާންކުރި އިރު އެތަނުގެ ކުލީގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައި ވަނީ 11،500ރ. އެވެ. އެހެންކަމުން އިއުލާންކޮށްފައި މިވަނީ ކުއްޔަށް ވުރެ 13،500ރ. ބޮޑުކޮށް ދޫކުރުމަށެވެ.
އަދި ފްލެޓް ލިބުނު މީހުންނާއި އެފްޑީސީއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ފްލެޓްތައް ކުއްޔަށް ދޫކުރުމަކީ މަނާކަމެކެވެ. އެއީ، ފްލެޓް އަތުލެވިދާނެ ކަމެއް ކަމަށް އެއްބަސްވުގައި ވެ އެވެ.
އެފްޑީސީން 4،000 ފްލެޓް ލިބުނު މީހުންނާ، އެ ތަންތަނުގެ ތަޅުދަނޑި ހަވާލުކުރަން ފެށިތާވީ އަދި އެންމެ ދެ ހަފުތާ އެވެ. ހުޅުމާލެ 2 ގައި އިމާރާތްކޮށްފައިވާ އެ ފްލެޓްތަކުގެ ތެރެއިން އެންމެ ފުރަތަމަ ތަޅުދަނޑި ހަވާލުކުރީ އަމާން އުދަރެސްގެ 14 ވަނަ ޓަވަރުން ފްލެޓް ލިބުނު މީހުންނަށެެވެ.
ކުއްޔަށް ދޭ މި ފަދަ ތަންތަން ހޯދައި ފިޔަވަޅު އަޅައި ތަން އަތުލާނެ ކަމަށް ސަރުކާރުތަކުން ކުރިން ބުނެފައިވެ އެވެ. ފްލެޓް ދިން ފުރަތަމަ ދުވަސްކޮޅު ފިޔަވަޅު އެޅި ނަމަވެސް، ފަހުން އެކަމުގައި ފަރުވާލެއް ނެތެވެ.