މިގޮތަށް އެމްޑީޕީން ހުށަހަޅާފައި ވަނީ، ކުރިއަށް އޮތް މުޒާހަރާގެ ކުރިން އެކަމަށް ޔަގީންކަމެއް ހޯދުމުގެ ގޮތުން ކަމަށް އެ ޕާޓީން ބުންޏެވެ.
އެމްޑީޕީން މިގޮތަށް އެދުނީ، އޮކްޓޯބަރު މަހުގެ ތިނެއްގައި ބޭއްވި މުޒާހަރާގައި ފުލުހުން ފުރަތަމަ ފަހަރަށް އެ ހަތިޔާރު ބޭނުންކުރުމާ ގުޅިގެންނެވެ. އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެން ޒިޔާދު ވިދާޅުވި ގޮތުގައި، ނޮވެމްބަރު 17 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާގެ ކުރިން 'ސޮނިކް ވެޕަން' ބޭނުންކުރެވިދާނެތޯ ނުވަތަ ނޫންތޯ އެޗްއާރުސީއެމް އިން ސާފުކޮށްދެއްވުމަށް އެދިފައިވާނެ އެވެ. އެ ހަތިޔާރާ ގުޅޭގޮތުން ކޮމިޝަނުން މިހާތަނަށް ވަކި ގޮތެއް އަންގާފައި ނުވާތީ މިކަން ސާފުކުރުން މުހިންމު ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މި ބައްދަލުވުމުގައި އެމްޑީޕީން ވަނީ އެހެން ކަންބޮޑުވުންތަކެއްވެސް ހިއްސާކޮށްފަ އެވެ. އެގޮތުން، އޮކްޓޯބަރު ތިނެއްގެ މުޒާހަރާއިން ހައްޔަރުކުރި މާފުށި ކައުންސިލްގެ ރައީސް ހަސަން ސޮލާހަށް އަނިޔާވެ، ފަރުވާ ދިނުން ލަސްކުރި ކަމަށް ބުނާ މައްސަލަވެސް ވަނީ ފާހަގަކޮށްފަ އެވެ. އެމްޕީ ޒިޔާދު ވިދާޅުވި ގޮތުގައި، އެ މައްސަލަ އެޗްއާރުސީއެމް އިން ތަހުގީގު ކުރަމުން އަންނަ ކަމަށާއި، ކޮމިޝަނުގެ ޓީމެއް ޖަލަށް ގޮސް ސޮލާހާ ބައްދަލުކޮށްފައިވާ ކަމުގެ މައުލޫމާތު އެ ބައްދަލުވުމުގައި ދީފައިވާ ކަމަށެވެ.