ގެދޮރުވެރިޔާ ފްލެޓްތައް ހަވާލުކުރަން ފެށިތާ ދެ ހަފްތާ ނުވަނީސް ބައެއް ފްލެޓްތައް ކުއްޔަށް ދޭން މިހާރު ވަނީ އިއުލާންކޮށްފަ އެވެ. އެގޮތުން ތިން ކޮޓަރީގެ ތަންތަން ކުއްޔަށް ދޭން އިއުލާން ކޮށްފައި ހުރީ 25،000ރ. އާއި 30،000ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ.
އެކަމާ ގުޅިގެން ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މުއްތަލިބް ވިދާޅުވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ފްލެޓް ކުއްޔަށް ދޭ މީހުން ހޯދުމުގެ މަސައްކަތްކުރާ ކަމަށެވެ.
ގެދޮރުވެރިކަމާ ބެހޭ ވަޒީރު ވަނީ ހިޔާ ފްލެޓުތަކަކީވެސް އިޖްތިމާޢީ ބޯހިޔާވަހިކަމުގެ ތެރެއިން ތަރައްގީކޮށް ދޫކޮށްފައިވާ ފްލެޓްތަކެއްކަމަށާއި، އެހެންނަމަވެސް އެތަންތަންވެސް ލޭބަރ ކުއާޓާސްތަކުގެގޮތުގައި ދޫކުރުންފަދަ ކަންކަން އެ ވުޒާރާގެ ސަމާލުކަމަށްވެސް އައިސްފައިވާކަމަށެވެ. އަދި މިކަމަކީ ސަރުކާރުން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓްތައް ކުއްޔަށް ދޭތޯ ބަލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިއުލާން ކޮށްފައި ވަނިކޮށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޫކުރާ ފްލެޓުތައް ވެސް ކުއްޔަށް ދޫކުރޭތޯ ބަލާނެ ކަމަށް އެ ކުންފުނިން މިއަދު ވަނީ ބުނެފަ އެވެ.
ހުޅުމާލެ ބަލަހައްޓާ ކުންފުނިން މިއަދު ކުރި އިއުލާނެއްގައި ބުނީ ސޯޝަލް ހައުސިން ސްކީމަކީ ބޯހިޔާވަހިކަމުގެ ތަނަވަސްކަން ނެތް މީހުންނަށް، އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.
އެހެންވެ، އެ ފްލެޓުތައް އެހެން ފަރާތަކަށް ކުއްޔަށް ދިނުމަކީ އެޗްޑީސީ އާއި ފްލެޓް ލިބިފައިވާ މީހާއާ ދެމެދު ހަދާފައިވާ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.
ފަހި ދިރިއުޅުން - އެފްޑީސީ އިން ވެސް އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޭ ފުލެޓުތައް ކުއްޔަށް ދިނުމަކީ އެ ފުލެޓުތައް ލިބޭ ފަރާތްތަކާއެކު އެ ކުންފުނިން ހަދާ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށެވެ. ފްލެޓު ކުއްޔަށް ދޫކުރާ ނަމަ ފުލެޓު އަތުލުމުގެ ބާރު އެފްޑީސީ އަށް އޮންނާނެ އެވެ.
މިކަމާ ގުޅިގެން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވެސް ސޯޝަލް މީޑިއާގައި ވަނީ ޕޯސްޓެއް ކުރައްވާފަ އެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ މި ފްލެޓުތަކަކީ ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް އިސްކަން ދީގެން ދޫކުރާ ފްލެޓްތަކެއް ކަމަށެވެ.
ތިން ކޮޓަރީގެ ފްލެޓެއް ބޮޑު އަގުގައި ކުއްޔަށް ދޭން އިއުލާން ކޮށްފައިވާއިރު، އެ ތަނުގެ ކުލީގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައި ވަނީ 11،500ރ. އެވެ. އެހެންކަމުން އިއުލާންކޮށްފައި ވަނީ ކުއްޔަށް ވުރެ 13،500ރ. ބޮޑުކޮށް ކުއްޔަށް ދިނުމަށެވެ.
ހައުސިން މިނިސްޓްރީން، 2022 ވަނަ އަހަރު ގެޒެޓުކުރި އިޖުތިމާއީ ބޯހިޔާވަހިކަމުން ލިބޭ ތަންތަން ކުއްޔަށް ދިނުމުގައި އަމަލުކުރާނެ ގަވާއިދުގައިވާ ގޮތުން، އެފަދަ މަޝްރޫއަކުން ލިބޭ މުޅި އެޕާޓްމަންޓް ކުއްޔަށް ނުދެވޭނެ އެވެ. އޭގެ ބަދަލުގައި، އެޕާޓްމަންޓަކުން ކޮޓަރިއެއް ކުއްޔަށް ދެވިދާނެ އެވެ.
ނަމަވެސް މިހާތަނަށް ސޯޝަލް ހައުސިން ފްލެޓްގެ އެއްބަސްވުމާ ހިލާފްވެގެން އެއްވެސް ފްލެޓެއް އަތުލާފައެއް ނުވެ އެވެ.