އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު(އިބޫ) ވިދާޅުވީ އެމްޑީޕީ ސަރުކާރުގެ ބަންޑާރަނައިބު ރިފްއަތު ވެސް އެސީސީގެ ތަޙުޤީޤަށް ހާޒިރުވާން އަންގާފައިވާ ކަމަށާއި މިއީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
މިއީ މިނިވަން މުއައްސަސާތަކަށް ސަރުކާރުން ސިޔާސީ ނުފޫޒު ފޯރުވައިގެން އެމްޑީޕީގެ މެންބަރުންނަށް ބިރުދެއްކުމުގެ ގޮތުން ހިންގާ ސިލްސިލާ ހަރާކާތެއް ކަމަށް ސޯލިހު ވިދާޅުވި އެވެ.
ރިފްއަތު އޭސީސީއަށް ހާޒިރުކުރަން ޗިޓު ފޮނުވިއިރު، ކޮރަޕްޝަންގެ ތުހުމަތުގައި އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިއަދު ވަނީ އޭސީސީއަށް ހާޒިރުކޮށްފަ އެވެ. އެ ކޮމިޝަނުން އިއްޔެ ވަނީ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ހާޒިރުކޮށްފަ އެވެ.
މީގެ އިތުރުން، ސޯލިހުގެ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވެސް އެ ކޮމިޝަނަށް ހާޒިރުކުރަން ވަނީ ޗިޓު ފޮނުވާފަ އެވެ.
އޭސީސީން ސުވާލުކުރުމަށް ފަހު ނިކުމެވަޑައިގެން އަމީރާއި ފައްޔާޒު ވެސް ވަނީ މި ތަހުގީގުގައި އެއްވެސް އަސާސެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. އިބޫ ފަދައިން މި ދެ ބޭފުޅުން ވެސް ވިދާޅުވީ މިއީ ސަރުކާރު އަޑީގައި އޮވެގެން ސިޔާސީ މަގުސަދެއް ހާސިލުކުރަން ހިންގާ ތަހުގީގެއް ކަމަށެވެ.