ޒަމީރު މިފަދައިން މިދާޅުވީ މާލޭގައި ހަތަރު ފުރޮޅުލީ އުޅަނދުތައް ޕާކު ކުރުމަށް ހާއްސަކޮށްފައިވާ ޕާކިން ޒޯނުތަކުގައި ޕާކުކޮށްފައިވާ އުޅަނދުތައް ޓޯކުރާނެ ކަމަށް ފުލުހުން މިއަދު ބުނުމާއި ގުޅިގެން ނެވެ.
ފުލުހުން މިއަދު ބުނީ، އެ ޕާކިން ޒޯންތަކުގައި ޕާކްކުރާ ސައިކަލުތައް ޓޯކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި، ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ހާއްސަކޮށްފައިވާ ޕާކިން ޒޯންތަކުގައި ބަހައްޓާ ސައިކަލުތައް ފުލުހުން ނަގާނެ ކަމަށް ބުންޏެވެ.
އެ ޒޯންތަކުގައި ސައިކަލު ޕާކު ނުކުރަން ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މިކަމާއި ގުޅިގެން "އެކްސް" ކުރެއްވި ޕޯސްޓެއްގައި ކުރިން މާލޭ ސިޓީކައުންސިލްކަން ވެސް ކުރެއްވި ޒަމީރު ވިދާޅުވީ ހަތަރު ފުރޮޅު ކަން ނޭންގޭނެ ފުޅާ ލައިން އެއް އިނުމަކުން އަދި ހަނި ލައިން އެއް އިނުމަކުން ދެފުރޮޅު ކަމެއް ނޭންގޭނެ ކަމަށެވެ.
ޒަމީރު ވަނީ ގަވައިދު ބުނާ ނިޝާން މާލޭގަ ދެފުރޮޅު ޕާކް ކޮށްފަ ހުންނަ ތަންތަނުގައި ކިހާވަރަކައްތޯ ދޭތެރެ ހާވާލާފަ ހަތަރު ފުރޮޅު ޕާކް ކޮށްފަ ހުއްނަނީ ގާނޫނުގެ ދަށުން ގަވާއިދު ހެދިފަ ހުންނަ އިރު އެއްބަޔަކަށް އަމަލުކޮށްފަ އަނެއްބަޔަކަށް އަމަލު ނުކުރުން ރައްޔިތުން ބަލައި ނުގަންނާނެ ކަމަށް ވިދާޅުވެފަ އެވެ.
މާލޭ ސިޓީ ކައުންސިލުން މިފަހުން ވަނީ މަގުތަކުން ވިއްކި ޕާކިން ޒޯންތައް އެންމެންނަށް ބޭނުންކުރެވޭ ގޮތަށް މި މަހު އެއްވަނަ ދުވަހު ހުޅުވާލާފަ އެވެ.
ކާރު ޕާކު ކުރާ ޖާގާގައި ސައިކަލު ޕާކުކޮށް އެހެން މީހުންނަށް އެ ޖާގަ ބޭނުން ނުކުރެވޭނެހެން ހަދާފައި ހުންނާތީ އާންމުންގެ ޝަކުވާ ގިނަ އެވެ. މާލެ ސަރަހައްދަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ޕާކިންގެ މައްސަލަ އެވެ. އާންމުންގެ ޝަކުވާއަކީ މާލޭގައި ޕާކުކުރާނެ ތަންކޮޅެއް ނެތި ވެހިކަލްތައް ގިނަވެ ތޮށްޖެހުމެވެ.