މިއީ އޭގެ ކުރީ މަހާއި އަޅާބަލާއިރު 50 މިލިޔަން ޑޮލަރު އިތުރު އަދަދެކެވެ. މަރުކަޒީ ބޭންކު - އެމްއެމްއޭ ނެރެފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އޯގަސްޓް މަހުގެ ނިޔަލަށް ރަސްމީ ރިޒާވުގައި ހުރީ، 810.05 މިލިޔަން ޑޮލަރެވެ. މިއަދަދު މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އިތުރުވިއިރު، ސެޕެމްޓެމްބަރު މަހުގެ ނިޔަލަށް ރިޒާވުގައި ހުރީ 859.46 މިލިޔަން ޑޮލަރެވެ. މިއީ މަހުން މަހަށް އަޅާކިޔާއިރު 6 އިންސައްތައިގެ ކުރިއެރުމެކެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު ރަސްމީ ރިޒާވްގައި ނުހިމެނޭ އެހެނިހެން ފޮރިން ކަރަންސީ އެސެޓްގެ ގޮތުގައި ސެޕްޓެމްބަރު މަސް ނިމުނުއިރު 116.64 މިލިއަން ޑޮލަރު ހުއްޓެވެ.
ކުރު މުއްދަތުގައި ދައްކަންޖެހޭ ދަރަނި ސެޕްޓެމްބަރު މަސް ނިމުނުއިރު ހުރީ 781.75 މިލިއަން ޑޮލަރުގަ އެވެ. އޭގެ ކުރީ މަހު މިއަދަދު ހުރީ 738.63 މިލިޔަން ޑޮލަރުގަ އެވެ.
އެހެންކަމުން ބޭނުންކުރެވޭ ރިޒާވްގައި ސެޕްޓެމްބަރު މަސް ނިމުނުއިރު ހުރީ 194.35 މިލިއަން ޑޮލަރެވެ. މިއީ އޭގެ ކުރީ މަހާއި އަޅާބަލާއިރު އިތުރު އަދަދެކެވެ. އޮގަސްޓް މަހުގެ ނިޔަލަށް ބޭނުން ކުރެވޭ ރިޒާވުގައި 188.64 މިލިޔަން ޑޮލަރު ހުރިއިރު، މިއީ މަހުން މަހަށް ބަލާއިރު 3 އިންސައްތަ އިތުރުވުމެކެވެ.
ރަސްމީ ރިޒާވަށް ހެޔޮ ބަދަލެއް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ރާއްޖެއިން އެންމެ ބޮޑު އަދަދަކަށް ދަރަނި ދައްކަން ޖެހެނީ މިއަހަރާއި، އަންނަ އަހަރުގައެވެ. އަންނަ އަހަރު ދަރަންޏަށް ބޮޑު އަދަދެއް ދައްކަންޖެހޭ އިރު ރިޒާވް ހަރުދަނާވުމަކީ ދަރަނިތައް ދެއްކުމަށް ލިބިގެންދާ ލުޔެއް ކަމަށް މަރުކަޒީ ބޭންކުން ބުނެ އެވެ.
އެމްއެމްއޭގެ ހިސާބުތަކުން ރަސްމީ ރިޒާވް އިތުރުވި ކަމަށް ދެއްކިއިރު އަންނަ އަހަރު ދައްކަންޖެހޭ ދެ ލޯނު ދެއްކުމުގައި އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ ވިދާޅުވެފަ އެވެ.
ރައީސް މުއިއްޒު އެހެން ވިދާޅުވިއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2021 ވަނަ އަހަރު ވިއްކި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ސުކޫކުގެ ކޫޕަން ޕޭމަންޓު ނުވަތަ އިންޓްރެސްޓަށްވާ ފައިސާގެ ގޮތުގައި 25 މިލިއަން ޑޮލަރު (386 މިލިއަން ރުފިޔާ) މި ސަރުކާރުން މި މަހު ދެއްކި އެވެ.
އެ ސުކޫކުގެ ކޫޕަން ފައިސާ ދައްކަން ޖެހެނީ ކޮންމެ އަހަރެއްގެ އޭޕްރީލް އަދި އޮކްޓޫބަރު މަހު އެވެ. މި ސުކޫކުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ އޭޕްރީލް ގަ އެވެ. އެހެންކަމުން، އަންނަ އަހަރުގެ އޭޕްރީލް މަހު 25 މިލިއަން ޑޮލަރުގެ އެންމެ ފަހު ކޫޕަނާ އެކު، މުޅި އަދަދު ކަމަށްވާ 500 މިލިއަން އެމެރިކާ ޑޮލަރު ދައްކަން ޖެހޭނެ އެވެ.