އިކޮނޮމިކް މިނިސްޓްރީން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ، ޕޭޕަލްއާއެކު ރާއްޖޭގެ ޕާޓްނަރެއްގެ ގޮތުގައި އުރީދޫ ފިންޓެކް ގުޅިގެން، ޕޭޕަލްގެ ހިދުމަތް ތައާރަފުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެއީ ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖޭގެ އިގުތުސާދަށް ތަރައްގީ ގެނައުމަށް ކުރަމުންދާ މަސައްކަތުގެ މައި އެއް ލަނޑުދަނޑި ހާސިލްވުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، އެ ހިދުމަތް ތައާރަަފުކުރުމަށް ޕޭޕަލްއާއި ކަމާ ގުޅޭ ފަރާތްތަކާއެކު ވަރަށް ގިނަ މަސައްކަތްތަކެއް ފާއިތުވެދިޔަ ދެ އަހަރުގެ ތެރޭގައި ވަނީ ކޮށްފައި ކަމަށެވެ. އެހެންވެ، ޕޭޕަލްގެ ހިދުމަތް ފެށުމަކީ މާލީ ނިޒާމު ހަރުދަނާ ކުރުމަށައި އީޖާދީ ޑިޖިޓަލް ހައްލުތައް ހޯދޭނެ ފަދަ މާލީ މަހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
އުރީދޫ އިން ބުނީ ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ދިނުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ޕާޓްނާޝިޕުގެ ތަފުސީލުތައް މިހާރު ފުރިހަމަ ކުރަމުންދާ ކަމަށެވެ.
މި ހިދުމަތާއި ގުޅޭ ގޮތުން އުރީދޫ ފިންޓެކް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދު އަލް ހަމާދީ ވިދާޅުވީ ރާއްޖެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގައި ހަލުވިކަމާއެކު ކުރިއަރަމުން ދާއިރު، ރާއްޖޭގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ކްރޮސް ބޯޑާ ޓްރާންސެކްޝަންތައް ފަހިކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ޕޭޕަލް ތައާރަފު ކުރުމުން ބޭރުގެ ފަރާތްތަކަށް ތަކެތި ވިއްކުމަށް ދިވެހިންނަށް ފަސޭހަވެގެންދާނެ އެވެ. އެއީ ޕޭޕަލްއިން ފައިސާ ދެއްކުމުން ރާއްޖޭއި އެ ފައިސާ ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖެހޭތީ އެވެ.
ޕޭޕަލް ހިމެނޭހެން ރާއްޖޭގައި އޮންލައިން ޕޭމަންޓް ސިސްޓަމްތައް ބޭނުން ކުރެވޭނެ ގޮތް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.