މި އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ށ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވަމުން އަންނަ ދަތުރުގެ ތެރެއިން ށ.ނަރުދޫ އަށް މިއަދު ކުރެއްވި ދަތުރުގެ ތެރެއިންނެވެ.
މި ރަސްމިއްޔާތުގައި ރައީސް މުއިއްޒުގެ އިތުރުން ކެބިނެޓްގެ މިނިސްޓަރުންނާއި، ރައްޔިތުން މަޖިލީހުގެ މެމްބަރުން، ނަރުދޫ ކައުންސިލްގެ މެމްބަރުން އަދި ސަރުކާރުގެ އެކި ވުޒާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެ އެވެ.
މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ އެމްޑީ ޑީސީޕީ(ރޓޑ) އަހުމަދު ސައުދީ އަދި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު އެވެ.
ށ.ނަރުދޫ ގޮނޑުދޮށް ހިމާޔާތް ކުރަން އެމްޓީސީސީއާ ހަވާލުކުރުމުގެ ތެރެއިން
މިކަމާއި ގުޅިގެން އެމްޓީސީސީން ބުނީ 686 މީހުންގެ އާބާދީގެ ނަރުދޫ އަކީ ދަނޑުވެރިރަށެއް ނަމަވެސް ރަށް ގިރުމުގެ ސަބަބުން ރައްޔިތުންގެ ދަނޑުބިމާއި ގޯތިގެދޮރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
މި މަޝްރޫއު ނިމުމާއި އެކު ރައްޔިތުންނައް ދިމާވެފައިވާ މި މައްސަލަ އަށް ހައްލެއް ލިބިގެން ދާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.
180 ދުވަސް ތެރޭ ނިންމަން ޖެހޭ މި މަޝްރޫއުއަށް 20.05 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށާއި މި މަޝްރޫއުގެ ދަށުން 30540 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށައް އެޅިގެން ދާނެ ކަމަށް އެމްޓީސީސީން ވަނީ ފާހަގަ ކޮށްފައި އެވެ.
މީގެ އިތުރުމް 565 މީޓަރުގެ ސަރަހައްދެގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރެވިގެން ދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.