މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންޓާނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އަދި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ އާއެކު ސްޓްރެޓެޖިކް އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ.
އެމްއެމްއޭއިން މިއަދު ސޮއި ކުރި މި އެއްބަސްވުމަކީ މާލީ ދާއިރާ ކުރިއެރުވުމަށާއި މަނިޓަރީ ގަވާނަންސް ހަރުދަނާކުރުމަށް ވެވުން އެއްބަސްވުމެއް ކަމަށް އެ އިދާރާއިން ބުނެ އެވެ.
އެމްއެމްއޭގައި މިއަދު ބޭއްވުން ރަސްމީޔާތުގައި މި އެއްބަސްވުމުގައި އެމްއެމްއޭގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ގަވަރުނަރު އަހްމަދު މުނައްވަރު، އައިއައިޔޫއެމް ގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ރެކްޓާ ޕްރޮފެސާ އެމެރިޓަސް ދަތުކް ޑރ. އޮސްމާން ބަކާރް އަދި އެމްއެންޔޫ ގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލާ އާއިޝަތު ޝެހެނާޒް އާދަމް އެވެެ.
މިއަދު ސޮއެކުރެވުނު އެއްބަސްވުންތަކުގެ ސަބަބުން މާލީ ދާއިރާގައި ހަރަކާތްތެރިވާ މުއައްސަސާތަކުގެ ގާބިލުކަން އިތުރުކުރުމަށާއި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ފުރިހަމަ އޮނިގަނޑެއް ގާއިމުކުރުމުގެ މަސައްކަތް ފަށާނެ ކަމަށާއި މި އެމްއޯޔޫގެ ދަށުން، މި ދެ މުއައްސަސާއާއި ވަކިވަކިން ސޮއި ކުރެވުނީ ތަމްރީނު ޕްރޮގްރާމްތަކާއި އިންޓަރންޝިޕް ފުރުސަތުތަކަށް އެއްބާރުލުން ދޭނެ ކަމަށް އެމްއެމްއޭއިން ބުނެ އެވެ.
މި މަސައްކަތްތަކުން އެމްއެމްއޭގެ މުވައްޒަފުންނާއި މާލީ ދާއިރާގެ ޕްރޮފެޝަނަލުންނަށް މަނިޓަރީ ސިޔާސަތު ތަންފީޒުކުރުމާއި، މާލީ ނިޒާމުތައް ދިރާސާކުރުމާއި، ޝަރީއާއާ އެއްގޮތްވާ ގޮތުގެ މަތިން ރެގިއުލޭޓްކުރުމުގެ ހުނަރުތައް ތަރައްގީކުރުމަށް އިސްކަންދެވިގެންދަނެ ކަމަށް އެ އިދާރާއިން މައުލޫމާތުދެ އެވެ.
މާލީ ދާއިރާ ކުރިއެރުވުމަށް އެމްއޯޔޫއެއްގައި ސޮއިކުރުމުގެ ތެރެއިން
އެމްއެމްއޭއިން އިތުރަށް ބުނީ މި އެމްއޯޔޫގެ ސަބަބުން އިސްލާމީިކް ފައިނޭސްގެ ދާއިރާއިން ތަމްރީނުވެފައިވާ ފަރާތްތައް އިތުރުވެގެންދާނެ ކަމަށާއި ރާއްޖޭގެ މާލީ ރެގިއުލޭޓަރީ އޮނިގަނޑު އިތުރަށް ހަރުދަނާވެގެން ދިއުމުގެ އިތުރުން ރާއްޖޭގެ މާލީ ބާޒާރު ފުޅާވެސް ވެގެންދާނެ ކަމަށް ބެލެވޭ ކަމުގަ އެވެ.
މީގެ އިތުރުން ރާއްޖޭގެ މާލީ ދާއިރާ ދެމެހެއްޓެނިވިކަމާއި ހަރުދަނާކަން އިތުރު ވެގެން ދާނެ ކަމަށާއި ރާއްޖޭގެ މާލީ ދާއިރާގައި އިންވެސްޓްކުރުމުގެ ފުރުސަތުވެސް އިތުރުވެގެން ދިއުމުގެ އިތުރުން މާލީ ދާއިރާ އަށް އާ ޓެކްނޮލޮޖީތަކާއި އިންވެސްޓްމަންޓް ވަސީލަތްތައް ތައާރަފުވެގެން ދާނެ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.
މި އެއްބާރުލުމުގެ ނަތީޖާތައް އާންމުކޮށް ހިއްސާކުރެވޭނެކަމަށާއި މި އެއްބަސްވުންތަކަކީ ރާއްޖޭގެ މާލީ ދާއިރާގެ މުސްތަގުބަލަށް އާ އުންމީދުތަކެއް ގެނެސްދޭ، ވަރަށް މުހިންމު އެއްބަސްވުންތަކެއް ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.