އާޝޯހްވެފައި ޝައްޔާންއާއި ދިމާއަށް އަމާރާ ކުއްލިޔަކަށް އެނބުރި ބަލައިލި އެވެ.
"ތި ބުނެވޭ އެއްޗެއްގެ ބުރަދަނާއި، މާނަ ޝައްޔާންއަށް އިހްސާސްކުރެވޭތަ؟" ޝައްޔާންގެ ނިންމުން އަމާރާއަށް ކަމަކު ނުދިޔަ އެވެ. ދެ ލޮލުން ކަރުނަ ވިދާލަން ހިނދުކޮޅެއްވެސް ނުނެގި އެވެ.
"އަހަންނަށް ޔަގީންވެއްޖެ، ޝައްޔާންގެ އެކްސިޑެންޓްގައި އަނިޔާ ލިބުނީ ހަމައެކަނި އަތަކަށް ނޫން.. ޝައްޔާންގެ ސިކުނޑިއަށް ތިހުރީ މާބޮޑަށްވެސް ގެއްލުން ލިބިފައި..!" ލޯ އަޅާލާފައި އަމާރާ ބުނެލިގޮތުން ޝައްޔާންގެ ހިނިގަނޑު ނުހިފެހެއްޓުނެވެ. ނަމަވެސް ހަގީގަތާއި ކުރިމަތިލުން ނޫން އެހެން ގޮތެއް ނެތީތީ، އަމާރާ ގެނެސް ޝައްޔާންގެ އަތު ތެރޭގައި ބޮނޑިކޮށްލި އެވެ.
"ތިއީ ތެދަކަށްވެސް ވެދާނެ...! އެކަމަކު އެންމެ ބޮޑުވަރުވީ އަހަރެންގެ ހިތަށް..!" މޭގައި ފިރުމާލާފައި ޝައްޔާން އެއް ލޯ މަރައިލި އެވެ.
އަމާރާގެ ކަންފަތް ދަށަށް އަތް ލައްވާލާފައި ލޯބިގޮތަކަށް ފިރުމާލި އެވެ. ނިއްކުރީގައި ބޮސްދެމުން، މޭގައި އަމާރާ ބޮނޑިކޮށްލީ، ނިވަލެއްގެ ގޮތުގައި އޮތް ޑުއެޓް، ދެމީހުންގެ ގައިގައި އޮޅާލަމުންނެވެ.
"އެކްސިޑެންޓްގެ ސަބަބުން ކަމެއް، ނުވަތަ އަމާރާގެ ޖާދޫގެ ސަބަބުންކަމެއް ނޭގެ..! އެކަމަކު ތިޔަބުނި އެއްޗަކަށް އަހަރެންވެސް ދެކޮޅެއް ނުހަދަން، ފުށްގުޑީ..! އަހަރެންގެ ސިކުނޑިއާއި، ހިތާއި މޭގެ ކޮންޓްރޯލް ގެއްލިއްޖެ.." ހަސްކީ އަޑަކުން ޝައްޔާން ވާހަކަދެއްކީ އޭނާގެ ޖާދޫގައި ނުޖެހި އަމާރާއަށް ސަލާމަތްނުވެވޭނެކަން ޔަގީންކޮށްފަ އެވެ.
"ތި ނޫން އެހެން ނަމެއް ކިޔާބަލަ..!" ތުންކޮޅު އޫ ކޮށްލާފައި އަމާރާ ބުންޏެވެ.
"އެހެން ނަމެއްވެސް ނުކިޔާނަން..! އަހަންނާއި ދުރަކުވެސް ދެން އަމާރާއަކަށް ނުހުރެވޭނެ..! ދެމީހުންގެ ގުޅުންވެސް ސިއްރުކުރާކަށް މިހާރު ހަގީގަތުގައި ބޭނުމެއް ނޫން..، އެކަމަކު އަހަރެންގެ މަޖުބޫރުއެއީ ނުރައްކަލެއް..! އަހަންނަށް ތިގެއަށް ނުދެވުނަސް، އަމާރާއަށް މި ގެއަށް ބަދަލުނުވެވެންވީ ސަބަބެއް އަހަންނަކަށް ނުވިސްނޭ" ހާލަތާއި ވަގުތުގެ ނާޒުކުކަން އެނގިހުރެ އަމާރާއަށް ބަލާލާފައި ޝައްޔާން ބުންޏެވެ.
"ދިރިއުޅުމަކީ އެއްކޮޅަށް ދަތުރުކުރާ މަގެއް ނޫން، މިއީ ދެކޮޅަށް ދަތުރުކުރާ މަގެއް.. މިމަގުގައި ދެމީހުންގެ ކަރާމާތާއި ގަދަރާއި އަބުރުވެސް އޮންނަންވާނެ.. ހުރިހައި ފަހަރަކު އަހަރެން ގުރުބާންވާން މިޖެހެނީ ކީއްވެތަ؟" ކޮންމެވެސް ވަރަކަށް ހިތަހަމަނުޖެހިފައި އަމާރާ ސުވާލުކުރީ ޖަޒްބާތުގައި އެވެ. ޝައްޔާންގެ އަތު ތެރެއިން އަމާރާ ދޫކޮށްލީ، ކުއްލިޔަކަށެވެ.
"އާންމުންގެ ތެރޭގައި އަހަންނަކީ މިނިވަންކަމުގައި އުޅެވެން އޮތް މީހެއް ނޫން.. އަހަރެންގެ އެއްވެސް ކަމެއް، އާންމު މީހަކު ފަދައިން ކުރިއަކަށް ނުގެންދެވޭނެ.. އަމިއްލަ ޒާތީކަންކަންވެސް އަހަރެންގެ އިހްތިޔާރުގައި ނޯންނަކަން، އަމާރާއަށް ކިތަންމެ ފަހަރަކު ބުނެދީފިން.. އެހެންވެ އަމާރާގާތު އާދޭސް މިކުރަނީ، މި ގުޅުން ކުރިއަށްގެންދާން ފަސޭހަކޮށްދޭށޭ..! އަހަރެން ކައިރިއަށް މިގެއަށް ބަދަލުވާށޭ" ހިތްހަމަނުޖެހިފައި ޝައްޔާން ބުންޏެވެ. ވާހަކަ ދެއްކުނީ އަޑަށް ބާރުލާފައި ތަންކޮޅެއް ބާރަށެވެ.
ދެމީހުންގެ ދެމެދު ހިތްހަމަނުޖެހުމެއް އުފެދުނީ ޝައްޔާންގެ މިނިވަންކަމާއި، މަސައްކަތާއި ހައްގުގެ އަޑު ގަދަވުމުންނެވެ. އަމާރާގެ ދެ ލޯ ރަތްވެ، މޫނުގެ ކުލަ ބަދަލުވެގެންދިޔައީ އޭނާގެ އިހްސާސްތަކާއި މަޖުބޫރީ ހާލަތާއި ޝަކުވާތައް ޝައްޔާންއަށް މުހިއްމު ނޫންކަން ސާބިތުވުމުންނެވެ.
ޒުވާބު ނުކޮށް އަމާރާ ނިކުމެގެންދިޔައީ މަސްލަހަތު އިތުރަށް ގޯސްކުރާން އޭނާ ބޭނުންނުވީތީ އެވެ.
....................
ވިދިވިދިގެން އައި ތިން ހަތަރު ދުވަހު އަމާރާ ޝައްޔާންގެ ގެއަކަށް ނުދެ އެވެ. އަންނަ ފޯނުކޯލްތަކަށް ޖަވާބު ނުދޭއިރު، ޝައްޔާންގެ އެންމެ މެސެޖަކަށްވެސް ޖަވާބެއް ނުދެ އެވެ.
ހިތަށް އުނދަގޫ ނުވާތީއެއް ނޫނެވެ. ސިކުނޑިއަށް ބަރު ނުވާތީއެއްވެސް ނޫނެވެ.
"ޑޮކްޓަރ އަމާރާ، ބައްދަލްކޮށްލަން ބޭފުޅަކު ވަޑައިގެން އެބަހުންނެވި.." ދޮރުހުޅުވާލައިގެން، އަމާރާގެ އިޝާރާތެއްގެ އިންތިޒާރުގައި ހުރި، އެކުވެރި ނަރުހާއި ދިމާއަށް އަމާރާ ބަލައިލި އެވެ. ދެބުމަ ދޭތެރެއަށް ރޫ އަރުވާލެވުނުކަމެއްވެސް އޭނާއަކަށް ނޭގެ އެވެ.
"ކާކު..؟" ހައިރާންވެފައި އަމާރާ ސުވާލުކުރި އެވެ.
"ނަމެއް ވިދާޅެއްނުވޭ.. އެކަމަކު.. އެއީ.. ދަންނަ..!" އަމާރާގެ ބޮޑުވަމުންދިޔަ ދެ ލޯ ފެނުމުން ނަރުސް އިސްޖަހައިލީ އިތުރަށް އެއްޗެއް ބުނުމަށްވުރެން، ހިމޭނުން ހުރުން ރަގަޅުވާނެކަމަށް ނިންމާފަ އެވެ.
"ޒާޝާ، އަހަރެން ހޯދަން އައިސްހުރީ އޭނާ އޭ ނުބުނައްޗޭ.. ޕްލީޒް..." މޫނުމައްޗަށް ވައްތަރެއް ޖައްސާލާފައި އަމާރާގެ ހަށިގަނޑު، އިށީނދެ އިން ގޮނޑިއަށް ދޫކޮށްލާފައި ލެނގިލި އެވެ.
އިތުރު އެއްޗެއް ބުނަން، އަމާރާ އަނގަހުޅުވާލިއިރު ވަގުތު ފާއިތުވެއްޖެ އެވެ.
ޝައްޔާން ޔޫސުފް ރައިޒާދު އެ ހުރީ އަމާރާގެ ކެބިންތެރޭގަ އެވެ. އޭނާގެ ރަސްމީ ގޮތުގައި، އަގުބޮޑު ގަމީހާއި ޖީންސްގައި ދެ ޖީބަށް އަތް ޖަހައިލައިގެންނެވެ. އަމިއްލަ ނަފުސުގެ އިތުބާރާއި ޔަގީންކަމުގެ މިސާލެއް އެހެން އިންސާނަކަށް ދައްކާން ޖެހިއްޖެނަމަ، މިވަގުތު ޝައްޔާންގެ 'އެ ސޫރަ' ރަމްޒެއްގެ ގޮތުގައި ފުދެ އެވެ.
އަނގަހުޅުވި، ދެ ލޮލުގެ އެސްފިޔަ ހުއްޓުންއަރާފައި އަމާރާއަށް އިނދެވުނީ އާޝޯހްވެފަ އެވެ.
ލޮލުގައި އަޅާފައިވާ ކަޅު އަވިއައިނާ، ޖެލްއަޕް ހަދާލާފައި ހުރި ތަރުތީބު އިސްތަށިގަނޑާއި އޭނާގެ ހެދުންއެޅުމުގެ ވައްޓަފާޅިއަށް ތައުރީފުކުރާނަމަ އިންސާނެއްގެ ބަސް ހުސްނުވާނެ އެވެ. މިފަދަ ވަގުތެއްގައި އެފަދައިން ހެދުންއަޅައިގެން ހައިބަތު ދައްކާލަން ހޮސްޕިޓަލަކަށް މީހަކު އައުމަކީ، އާންމުކަމެއް ނޫންކަށް މިވަގުތު އަމާރާގެ ކެބިންތެރެއިން ސާބިތުވެ އެވެ. އަމާރާގެ ދެ ލޯ ޝައްޔާންއާއި ދުރަށް ނުލެވެ އެވެ.
އިސްޖަހައިގެން ޒާޝާ ހުއްޓަސް، އޭނާގެ ހިނިތުންވުން އަމާރާއަށް ސިއްރެއް ނުވި އެވެ.
ޒާޝާ ކަރުކެހެލި އަޑަށް އަމާރާއަށް ތެޅިގަނެވުނެވެ.
"މިސްޓަރ ސްޕާސްޓަރ ކަމަކުތޯ ވަޑައިގެންނެވީ..؟" އަމާރާ ސުވާލުކުރީ ގޮނޑިންތެދުވެ، މޭދަށުގައި ދެ އަތް ހުރަސްކޮށްފަ އެވެ.
"ޑޮކްޓަރ ކަމަނާ، މެހެމާނުންނަށް މަރުހަބާ ދަންނަވާގޮތަކީ ތިއީތޯ..؟ ސަލާމްގަލާމްކުރުމެއް، ހާލުއަހުވާލު އަހައިލުމެއް ނުވަތަ ފެންފޮދެއް އެއްޗެއް ދިއްކޮށްލުމެއްވެސް ނެތް ތޯ؟" ޝައްޔާންގެ ގޮތުގައި އޭނާވެސް އަމާރާއާއި ކުރިމަތިލި އެވެ.
ދެމީހުންގެ ބަހުރުވައާއި ވާހަކަދެއްކުމުގެ ވައްޓަފާޅި ހުރިގޮތުން، އެތަނުގައި މާގިނައިރު މަޑުކުރުން ރަގަޅު ނޫންކަން ޒާޝާއަށް އެނގިއްޖެ އެވެ. އިސްޖަހައިގެންހުރެ، ކެބިންގެ ދޮރު ލައްޕާފައި އޭނާ ހިނގައްޖެ އެވެ.
"ޝައްޔާން، ބައްދަލުކުރަން ހޮސްޕިޓަލަށް ނައުމަށް، ކިތަށް ފަހަރު އަހަރެން ބުނެފިން..؟ ސޯޝަލްމީޑިއާއި ނޫސްތަކާއި ޓީވީތަކުގައި ޝައްޔާންގެ ވާހަކަ ނޫނީ ނެތް..! މިސްޓްރީ ގަރލްފްރެންޑެއްގެ ވާހަކަ ޓްރެންޑް ނުވާ ދުވަހެއް މަދު..! އެއީ 'އަހަރެންގެ ދުނިޔޭގައި' އޮންނަ ކަންކަމެއް ނޫން..! މިތަނަށް ޝައްޔާން އައި އަޑު ފެތުރުނީމައި، ދެންވާނެގޮތް އިނގޭތަ..؟" ހާސްވެފައި އަމާރާ ސުވާލުކުރި އެވެ.
"އަހަރެން މިތަނަށްއައީ ހަތަރު ފަސް ގާޑުންނާއެކު.. ބަޔަކަށް އަހަރެން ފެނުމުގެ ފުރުސަތެއް އެމީހުން ނުދޭ.. އަހަރެން އެރީ ޕްރައިވެޓް ލިފްޓުން.. އެއްވެސް މީހަކަށް އަހަރެން އައި ތަނެއް ނޭގޭނެ.! ރައްކާތެރިކަމާއެކު އަހަރެން މިތަނުގެ ތެރެއަށް ވައްދާފައި ހުރިހާ ގާޑުން އެތިބީ މާ ދުރުގައި..! އާންމު މީހަކު މިހިސާބަށް އައުމަށް އެމީހުން ފުރުސަތެއް ނުދޭނެ..!" އަމާރާ ހިތްހަމަނުޖެހޭނެކަން އިނގޭތީ ޝައްޔާން ރައްކެތިކަން އިސްކުރީ އެވެ.
އެއްޗެއް ނުބުނެ އަމާރާ އިސްޖަހައިލި އެވެ
"އަހަރެން މި އައީ އަމާރާ ބޭނުންވެގެން.." އަމާރާގެ ކުރިމައްޗަށް ހުއްޓި ޝައްޔާން ބުނެލި އެވެ.
"ވަރަށް ދެރަ.. އަޅުގަނޑަކީ އަންހެނުންގެ ހާއްސަ ޑޮކްޓަރެއް.." ޖެހިލުމެއްނެތި އަމާރާ ބުނެލި އެވެ.
ޝައްޔާންގެ ދެލޯ ބޮޑުވީ، ހީވެސް ނުކުރާވަރުގެ އެއްޗެއް އަމާރާ ބުނެލުމުންނެވެ. ކޮންމެވެސް ވަރަކަށް ހިނިއައުމުން ކޮލުގެ މަސްގަނޑުގައި ދެތިންފަހަރު ދަތްއެޅި އެވެ. އެއީ އޭނާގެ ހިނިގަނޑު ކޮންޓްރޯލްކުރާން ބޭނުންކުރި އުކުޅެކެވެ.
"މާނައަކީ، މާ ބަނޑުވުމާއި ދަރިމައިވުމާއި ގުޅޭގޮތުން މަޝްވަރާއެއް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި، އެހީތެރިކަން ލިބޭނެޔޭ ދޯ..؟" ވިސްނާލާފައި ލާނެއް ގޮތަކަށް ޝައްޔާން ބުނެލީ އަމާރާގެ މޫނާއި ދިމާއަށް ގުދުވެލާފަ އެވެ.
"ނިކުމޭ..! ޝައްޔާން މިތަނުން ނިކުމޭ! އެހެރީ ޝައްޔާން ވަންދޮރު..!" މޭޒުމަތީން ގަލަމެއް ނަގާފައި ޝައްޔާންއާއި ދިމާއަށް އަމާރާ އެއްލި އެވެ. ހުށިޔާރުކަމާއެކު ގަލަން ޝައްޔާން ހިފިއިރު އޭނާގެ ހިނިގަނޑު ފަޅައިގެން ހިގައްޖެ އެވެ.
"އޯކޭ- އޯކޭ- ހިނގައިދާނަން..! އެކަމަކު އެންމެ ޝަރުތަކާއެކު..!" ދެ ބުމަ ހިއްލާލަމުން ޝައްޔާން ބުނެލީ އެއްމިޔަކަނުން ހިނިއައިސްފަ އެވެ.
"ޝަރުތު..؟ ކޮން ޝަރުތެއް..؟'' ގަބޫލުކުރަން އުނދަގޫވި އެވެ. ނަމަވެސް އަމާރާ ސުވާލު ހުށަހެޅި އެވެ.
"އަހަރެންނާއެކު 'ޑިނަރ'އަކަށް ދާން އެއްބަސްވީމަ، މިތަނުން ދާނަން..! ދާނީވެސް އެއްވެސް މީހަކަށް ނުފެނި..!" ކާމިޔާބު ލިބޭނެކަން ޔަގީންކޮށްފައި ޝައްޔާން އެދުނެވެ.
"އެކްސްކިއުޒް މީ..!؟" އަމާރާ ހައިރާންވެފައި ދެ ލޯ ބޮޑުވި އެވެ.
"ޑިނަރ...! ފުޑް...! ޔޫ އެންޑް މީ..!" އަމާރާއާއި ގާތަށް ދެފިޔަވަޅެއް އަޅާލަމުން ޝައްޔާން ބުނެލި އެވެ.
"ޑިނަރއަކީ ކޯންޗެއްކަން އަހަންނަށްވެސް އިނގޭ.." އަމާރާ ބުނެލި އެވެ.
"އެހެންވީމާ އެއްބަސްވޭ..! ވަގުތުން ދާނަން..!" ދެކޮނޑު މައްޗަށް ހިއްލާލާފައި ޝައްޔާން ބުނެލި އެވެ.
"ނޯ!" ދެ ލޯ ވައްކޮއްލާފައި އަމާރާ އިންކާރުކުރި އެވެ. (ނިނިމޭ)