އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުުސަތު ހުޅުވާލާފައިވަނީ މި ހިނގާ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހާ ހަމައަށެވެ.
މި ޕްރޮގްރާމްގެ އެއް ބޭނުމަކީ އެމްޕީއެލްގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި، ދާއިރާތަކަށް ދަރިވަރުން އަހުލުވެރިކޮށް، މެރިޓައިމްއާ ގުޅުންހުރި ދާއިރާތަކަށް ދަރިވަރުން ޝައުގުވެރިކުރުމާއި ޕޯޓުގައި ކުރާ މަސައްކަތްތަކާމެދު ދަރިވަރުން އަހުލުވެރިކުރުވުންކަމަށް އެމްޕީއެލްއިން ބުނެ އެވެ.
އިންޓަރންޝިޕް ޕްރޮގްރާމްގައި މިފަހަރު އެމްޕީއެލުން ވަނީ ޖުމްލަ 9 ދާއިރާއަކަށް ކުރިމަތިލުމަށް ހުޅުވާލާފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ މާކެޓިން އެންޑް ޕީއާރު، އެޑްމިނިސްޓްރޭޝަން، ފައިނޭންސް، އައިޓީ، ޕްރޮކިއުމެންޓް، މެރިން އިންޖިނިއަރިންގ، މެކޭނިކަލް އިންޖިނިއަރިންގ، އިލެކްޓްރިކަލް އިންޖިނިއަރިން އަދި ސިވިލް އިންޖިނިއަރިން ފަދަ ދާއިރާތަކެވެ.
އެމްޕީއެލްއިން ބުނީ، މި ޕްރޮގްރާމުގައި މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދާއިރު، ކޮންމެ ކުއްޖަކަށްވެސް މެންޓާއެއް ހަމަޖައްސާނެކަމަށެވެ
އަދި މަސައްކަތުގެ މާހައުލުގައި ދަރިވަރުންނަށް މަސައްކަތުގެ ހުނަރު ދަސްކޮށްދީ، މަޢުލޫމާތުތައް ދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާނީ މެންޓާގެ ގޮތުގައި ކަނޑައަޅާފައިވާ މުވައްޒަފުންކަމަށްވެސް އެމްޕީއެލްއިން ބުންޏެވެ.
ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ސާނަވީ އިމްތިހާނުތައް ނިންމާފައިވާ އަދި އުމުރުން 18 އަހަރު ނުވާ ކުދިންނަށެވެ. މިކަމަށް ޝައުގުވެރިވާ ފަރާތަކުން ފޯމް ފުރިކޮށްދިނުމަށް އެމްޕީއެލުން ބުނެ އެވެ.
މިއީ އެއްމަސްދުވަހުގެ އިންޓާންޝިޕް ޕްރޮގްރާމެއްކަމަށްވެސް އެމްޕީއެލްއިން ވިދާޅުވެއެވެ.
މިކަމާއި ގުޅިގެން އިތުރު މައުލޫމާތު ހޯދުމަށް އެ ކުންފުނީގެ ލާނިންގް އެންޑް ޑެވެލޮޕްމަންޓް ޑިޕާޓްމަންޓްގެ ނަމްބަރު 3039638 / 3039636 އަށް ނުވަތަ އެ ޑިޕާޓްމަޓްގެ އީމޭލް އަށް މެއިލް ކުރުމަށް އެ ކުންފުނިން އެދެ އެވެ.