އެކަނިވެރިމައިންގެ އެލަވަންސް ބޮޑުކޮށް ދެއްވުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދެކެވެ.
އެކަނިވެރިމައިންގެ އެލަވަންސް އަންނަ އަހަރުން ފެށިގެން 3000 ރުފިޔާއަށް ބޮޑުކުރަން ނިންމަވާފައިވާކަން ރައީސް ޑރ. މުއިއްޒު އިއުލާން ކުރެއްވީ ލ.ގަމުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގަ އެވެ.
އެކަނިވެރި މައިން ނުވަތަ ބަފައިންނަށް އެއް ކުއްޖަކު ހުރިނަމަ މިހާރު ލިބެނީ 2،000ރ. އެލަވަންސެކެވެ. އަދި އެއް ކުއްޖަކަށް ވުރެ އިތުރުނަމަ ދެނީ ކުއްޖަކަށް 1،000ރ. ގެ ރޭޓުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ބަޖެޓްގައި އެކަމަށް 211 މިލިއަން ރުފިޔާ ހަމަޖައްސާފައިވާނެ ކަމަށެވެ. އެ އެލެވެންސް ލިބެންޖެހޭ 5،878 މީހުން އެބަ ތިއްބެވެ.
އެކަނިވެރި މައިންނާއި ބަފައިންގެ އެލެވެންސްގެ އިތުރުން ތެލެސީމިއާ ކުދިންނަށް 1،000ރ. ގެ އެލެވެންސްއެއް އަންނަ ޖެނުއަރީ މަހުން ފެށިގެން ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެ އެލެވެންސަށް 11.7 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓްގައި ވަނީ ހިމަނައިފަ އެވެ.
ތެލެސީމިއާ ކުދިންގެ ގޮތުގައި 982 ކުދިން ރަޖިސްޓްރީވެފައިވެ އެވެ. އަދި އެއީ އަލަށް ދޭން ފަށާ އެލެވެންސްއެކެވެ.