ads
މަރުކަޒީ ބޭންކް އެމްއެމްއޭ
މާލީ ދާއިރާގެ ދިރާސާތަކަށް ގްރާންޓް ދެނީ، ޕްރޮޕޯސަލްއަށް ހުޅުވާލައިފި
އެމްއެމްއޭ ރިސާޗް ފަންޑުގެ ދަށުން ރިސާޗް ޕްރޮޕޯސަލްތަކަށް ހުޅުވާލައި، އިންޑިޕެންޑެންޓް ރިސާޗް ގްރާންޓާއި ކޮލަބޮރޭޓިވް ރިސާޗް ގްރާންޓް އަދި ފޮތް ގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހުޅުވާލައިފި އެވެ.
Advertisement

މި ރިސާޗް ގްރާންޓުތަކުގެ މަގްސަދަކީ ރާއްޖެއަށް ދިމާވާ އިގްތިސާދީ، މާލީ އަދި ތަރައްގީގެ މައްސަލަތައް ތަހުލީލީ ނަޒަރަކުން ދެނެގަނެ އެ މައްސަލަތަކަށް އިޖާދީ ހައްލުތައް ހޯދުމަށް މަގުފަހިކުރުން ކަމަށާއި މި ފަންޑު މެދުވެރިކޮށް އެމްއެމްއޭއިން ބޭނުންވަނީ ގައުމުގެ އިގްތިސާދީ ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި އެކަޑަމިކް ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް އަދި ދިރާސާކުރާ ފަރާތްތައް އެކުއެކީގައި މާލީ އަދި އިގްތިސާދީ މައްސަލަތަކަށް ހައްލު ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދިން ކަމަށް އެމްއެމްއޭ އިން ބުނެ އެވެ. 

"މި ގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅޭނީ އަމިއްލަ ފަރުދުންނަށާއި، ތައުލީމީ ދާއިރާގެ ފަރާތްތަކަށާއި، ތިންކް ޓޭންކްތައް އަދި އެމްއެމްއޭގެ މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމަށް ބޭނުންވާ ތަޖުރިބާކާރު ދިރާސާވެރީން" އެމްއެމްއޭ އިން ބުންޏެވެ.

އިންޑިޕެންޑެންޓް ރިސާޗް ގްރާންޓަށް އެދި ހުށަހަޅާ ވަކިވަކި ފަރުދުންނާއި މުއައްސަސާތަކުން ހުށަހަޅާ ޓީމްތައް ލީޑް ކުރާ ފަރާތް ވާން ވާނީ މާސްޓަރސް ޑިގްރީއެއް ނުވަތަ އެއަށް ވުރެ މަތީ ފާހެއް އޮންނަ ފަރާތަކަށް ކަމަށާއި ގްރާންޓަށް ކުރިމަތިލާ ދާރިސުންގެ ޕީއެޗްޑީ އޮތުމަށް އެ އިދާރާއިން ބުނެ އެވެ. 

ކޮލަބްރޭޓިވް ރިސާޗްގެ ކެޓެގަރީން ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ޕްރޮޕޯޒަލް ވާންނާނީ އެމްއެމްއޭ މުވައްޒަފުންނާ ގުޅިގެން ހުށަހަޅާ ރިސާޗް ޕްރޮޕޯޒަލްއަކަށް ކަމަށާއި އެ ޕްރޮޕޯޒަލްއަކީ އެމްއެމްއޭގެ ސްޓްރެޓީޖިކް ލަނޑުދަނޑިތައް ހާސިލްކުރުމަށް އެހީވެދޭނެ ހުށަހެޅުމަކަށް ވާންވާނެ ކަމަށް އެ އިދާރާއިން މައުލޫމާތުދެ އެވެ.

ރިސާޗް ގްރާންޓްގެ އިތުރުން، މި ފަންޑުގައި ފޮތް ގްރާންޓްގެ ބައެއް ހިމެނެކަމަށާއި މި ބަޔަށް ކުރިން ފޮތް ޝާއިއުކޮށްފައިވާ ނުވަތަ އެއާ އެއްފެންވަރުގެ ތަޖުރިބާ ހުރި ފަރުދުންނަށް ނުވަތަ ޓީމުތަކަށް ހުޅުވާލެވިފައިވެ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

ފޮތްތައް ދިވެހި ބަހުން ނުވަތަ އިނގިރޭސި ބަހުން ލިޔެވިދާނެކަމަށާއި މާލީ ހޭލުންތެރިކަން އިތުރުކުރުމަށާއި، ދިވެހިރާއްޖޭގެ އިގްތިސާދާ ބެހޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށާއި، މާލީ ސިޔާސަތުތަކާ ބެހޭ ދިރާސާތައް ހިއްސާކޮށްދިނުމަށް ތައްޔާރުކުރާ ފޮތްތަކަށް އިސްކަންދެވޭނެ ކަމަށް އެ އިދާރާއިން ހާމަ ކުރެ އެވެ.

މި ގްރާންޓަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ އެ އިދާރާގެ އީމެއިލް އަށްކަމަށާއި ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ 30 އޮކްޓޯބަރު 2025 ގެ ނިޔަލަށް ކަމަށް އެ އިދާރާއިން ބުނެ އެވެ. 

ޕްރޮޕޯސަލްތައް ރިވިއުކުރާނީ އެމްއެމްއޭގެ އެކަޑަމިކް އެންޑް ޓެކްނިކަލް ރިވިއު ކޮމިޓީންނެވެ.

މިއީ އެއް މިލިއަން ރުފިޔާގެ ރިސާޗް ފަންޑެކެވެ.  ގްރާންޓަށް ކުރިމަތިލާ ރިސާޗަރުން ޕީއެޗްޑީ އޮތުމަށް އެމްއެމްއޭއިން ބާރުއަޅަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް