ads
އަހުމަދު ސަރުވަޝް އާދަމް
ޕެންޝަންގެ ބޯޑުން ސަރުވަޝް އިސްތިއުފާ ދީފި
ޕެންޝަން އޮފީހުގެ ބޯޑުން ސަރުވަޝް އާދަމް މިއަދު އިސްތިއުފާދެއްވައިފި އެވެ.
Advertisement

ސަރުވަޝް އިސްތިއުފާދެއްވިއިރު، މިދިޔަ ހަފުތާގައި ޕެންޝަން އޮފީހުގެ ބޯޑުން ވަނީ އެމްއެމްއޭއާ އެކު ފައިސާގެ މުއާމަލާތެއް ކުރަން ފާސްކޮށްފަ އެވެ. އެއީ، ޕެންޝަން އޮފީހާ ގުޅިގެން އެމްއެމްއޭއިން ސެކަންޑަރީ މާކެޓުގައި ސަރުކާރުގެ ބޮންޑެއް ވިއްކާ ގޮތަށެވެ. 

އެއީ ފައިސާ ޗާޕުކުރުން ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. ސަރުވަޝް އިސްތިއުފާ ދެއްވިކަން ހާމަކުރެއްވި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. 

"އެމްއެމްއޭން ފައިނޭންސް ކުރާ ބޮންޑް ކުރިއަށް ގެންދިއުމަށް ނިންމުމާ ގުޅިގެން އަޅުގަނޑު ޕެންޝަން ބޯޑުން އިސްތިއުފާ ދީފީން،" ސަރުވަޝް އެކްސްގައި ވިދާޅުވި އެވެ.

ސަރުވަޝް އިތުރަށް ވިދާޅުވީ އެ ބޮންޑް ގަތުމުގެ މުއާމަލާތަކީ ގާނޫނީ އަދި އިގްތިސާދީ ގޮތުން ސީރިއަސް ކަންބޮޑުވުންތަކެއް ހުރި ނިންމުމެއް ކަމަށް އޭނާއަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވީ ތެދުވެރިކަމާއި ނަޒާހަތްތެރިކަން އަދި މުއައްސަސާގެ މިނިވަންކަމުގެ އުސޫލުތައް ދެމެހެއްޓުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް ގަބޫލުކުރައްވާތީ ކަމަށެވެ.  

މީގެ ހަތް މަސް ކުރިން ޕްރައިވެޓް ސެކްޓަރު ތަމްސީލު ކުރާ މެންބަރުގެ ގޮތުގައި ޕެންޝަން އޮފީހުގެ ބޯޑަށް އައްޔަނުކުރި ސަރުވަޝް ވަނީ ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓު އެގްޒެކެޓިވްގެ މަގާމު ވެސް ފުރުއްވައިފަ އެވެ. އޭނާ އެ 2016 ވަނަ އަހަރުން ފެށިގެން ހުންނެވި އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ޖެނުއަރީގަ އެވެ. އިކޮނޮމިކްސް އާއި އެކައުންޓިން ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ސަރުވަޝް ވަނީ މީރާގެ ޗެއާޕާސަންގެ އިތުރުން އެމްއެމްއޭ ބޯޑުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.

ޕެންޝަން ބޯޑުގައި މިވަގުތު ހަތް މެންބަރުން ތިއްބަވަ އެވެ. އެ ބޯޑުގެ ޗެއާޕާސަނަކީ ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް