މިހާތަނަށް ލިބުނު ނަތީޖާތައް ދައްކާ ގޮތުން ފޭދޫގެ ވޯޓު ނިމުނު ގޮތަކީ:
އައްޑޫ ސިޓީ ކައުންސިލުން ވަކިވާން ނުފެންނަ ކަމަށް 1782 ވޯޓް
އައްޑޫ ސިޓީ ކައުންސިލުން ވަކިވާން ފެންނަ ކަމަށް 615 ވޯޓް
މިއަދު ނެގި ވޯޓުގައި ހުޅުދޫ އާއި މީދޫން ނިންމީ އައްޑޫ ސިޓީ ކައުންސިލުން ވަކިވެ، އެ ދެ ރަށުގައި ވަކި ރަށު ކައުންސިލެއް ހެދުމަށެވެ.
މި ވޯޓުގެ ދާއިމީ ނަތީޖާ މާދަމާ އިއުލާންކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
ނިޒާރު ފޭސްބުކްގައި ލިއުއްވީ އައްޑޫ ސިޓީގެ އިދާރީ ހިންގުން ރޫޅިގެން ދިއުމަކީ ލިބުނު ހިތްދަތި ކަމެއް ކަމަށާއި މިއީ ދެކެން ބޭނުން ވި ހާލަތެއް ނޫން ކަމަށެވެ. ނަމަވެސް އައްޑޫ ހުޅުދޫ އަދި މީދޫގެ ނިންމުމަށް އިހްތިރާމް ކުރައްވަމުން މަރުހަބާ ދަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވީ އިދާރީ ގޮތުން ވަކިވެގެން ދިޔަ ނަމަވެސް މުޅި އަތޮޅުގެ ކުރިއެރުމާއި ތަރައްގީއަށް ކުރިއަށް ވުރެ ގަދަކޮށް އެއްކޮށް ނުކުމެ މަސައްކަތް ކުރުމަށް ކަމަށް ގޮވާލައްވާ ކަމަށެވެ.
އައްޑޫ ކައުންސިލްތައް އެކުލެވިގެންވާ ގޮތް ބަދަލު ކުރުމާ ގުޅޭ ގޮތުން ވޯޓެއް ނަގަން ވަޒީރުންގެ މަޖިލީހުން ނިންމީ އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހު އެވެ. އެ ނިންމުން ވަޒީރުންގެ މަޖިލީހުން ނިންމީ އެކަން އެގޮތަށް ކޮށްދިނުމަށް އެދި އައްޑޫ ރައްޔިތުންގެ ތެރެއިން ބަޔަކު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ އަރިހުގައި އެދިވަޑައިގެންނެވި ކަމަށް ބުނެ އެވެ.
އެ ވޯޓު އިއުލާން ކުރެއްވުމަށް ފަހު މުއިއްޒު ވިދާޅުވީ އެ ވޯޓާ ގުޅިގެން ސަރުކާރުގެ ސްޓޭންޑެއް ނެތް ކަމަށާއި ރައްޔިތުންގެ މެޖޯރިޓީން ނިންމާ ކޮންމެ ނިންމުމެއް ސަރުކާރުން ތަންފީޒުކުރާނެ ކަމަށެވެ.