އެފްޑީސީން މިހާރު ދަނީ ފްލެޓްތައް ހަވާލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ބައެއް ފަރާތްތަކަށް މިހާރު ތަޅުދަނޑި ލިބި މަސައްކަތްތައްވެސް ދަނީ ކުރަމުންނެވެ.
ސްޓެލްކޯއިން މިއަދު ބުނީ، ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިމާރާތްކޮށްފައިވާ އަމާން އުދަރެސް އަދި އަމާން ދޯދި ފްލެޓްތަކަށް ކަރަންޓު ފޯރުކޮށްދިނުމުގެ ރަސްމީ މަސައްކަތްތައް ފެށުމުގެ ގޮތުން އަމާން އުދަރެސް 11، 12 އަދި 13ވަނަ ފްލެޓަށް މިއަދު ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވިފައިވާ ކަމަށެވެ.
މި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާހް ރަޝީދު އާއި އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް އަދި އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަސްބަހް އަލީ ނަސީރު ބައިވެރިވެ ވަޑައިގެންނެވި އެވެ.
އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން އިމާރާތްކުރާ 4،000 ފްލެޓްތަކުގެ ތެރެއިން ދެ ކޮޓަރީ އެޕާޓްމަން މެއިންޓެނަންސް ފީއާ އެކު ފްލެޓްގެ އަގަކީ 8،000ރ ކަމަށްވާއިރު ސެކިއުރިޓީ ޑިޕޮސިޓަށް 15،000ރ. ދައްކަން ޖެހޭނެ އެވެ
ތިން ކޮޓަރީގެ އެޕާމަންޓު މެއިންޓެނަންސް ފީއާ އެކު ކުއްޔަށް 11،500ރ. ދައްކަން ޖެހޭއިރު ސެކިއުރިޓީ ޑިޕޮސިޓަށް 25،000ރ. ދައްކަންޖެހޭނެ އެވެ
އެ މަޝްރޫއުގައި ހިމެނޭ 17-18 ބުރީގެ 32 ޓަވަރުގެ މަސައްކަތް އެއްކޮށް ނިމި މިހާރު ކުރިއަށް ދަނީ ފިނިޝިންގެ މަސައްކަތެވެ.
އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ކުރިން ވިދާޅުވެފައިވާ ގޮތުގައި ކުރިއަށް އޮތް ޑިސެމްބަރު މަހުގެ ނިޔަލަށް ހުރިހާ ފްލެޓްތަކެއް މީހުންނާ ހަވާލުކުރެވޭތޯ ދަނީ މަސައްކަތް ކުރަމުންނެވެެ.