ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރިކުރާ ކުންފުންޏެއް ކަމަށްވާ ދަ ހޯކްސްގެ ބޯޓެއްގައި ގަވައިދާ ހިލާފަށް ސިނގިރޭޓު އެތެރެކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ)ން ވަނީ ދިރާސާކޮށްފަ އެވެ.
އެ މައްސަލަ ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު މަޖިލީހުން މިދިޔަ ހޯމަ ދުވަހު ވަނީ ފާސްކޮށްފަ އެވެ. އެ ރިޕޯޓުގައި، ކަންތައްތައް އިސްލާހު ކުރުމަށް ފުލުހުންނަށާއި ކަސްޓަމްސްއަށް އަދި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ފިޔަވަޅުތައް އެޅުމަށް ވަނީ އަންގައިފަ އެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެންމެ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ 241 ކޮމެޓީން ދިރާސާކޮށްފައިވާ "ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް" ގެ ތެޔޮ ބޯޓެއްގައި ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެ އަށް ސިނގިރޭޓް ކާޓޫނުތަކެއް އެތެރެ ކޮށްފައިވާ މައްސަލަ އާއި ބޮންޑެޑް ވެއާހައުސްއެއްގައި ހުރި ސިނގިރޭޓް ކާޓޫނުތަކެއް ކަސްޓަމްސް އަށް ނޭނގި ގާނޫނާއި ގަވާއިދާ ހިލާފަށް އެ ބޮންޑެޑް ވެއާހައުސް އިން ނެރެފައިވާ މައްސަލައާ ގުޅިގެން، މަޖިލީހުން ފޮނުވި ސިޓީގައި ދީފައިވާ މައުލޫމާތާއި ލަފާއަށް ރިއާޔަތްކޮށް، ޑެޕިއުޓީ ކޮމިޝަނަރު އޮފް ކަސްޓަމްސް ގެ މަގާމުގައި ތިއްބެވި ދެ ބޭފުޅަކު ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން މިއަދު ވަކިކޮށްފައިވާ ކަމަށެވެ.
އެއީ ކޮން ބައެއްކަން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި މަގާމުން ވަކިކުރީ ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ވަހީދާއި މަހްމޫދު ރިޔާޒެވެ. ދެ ބޭފުޅުންނަކީ ވެސް 32 އަހަރަށްވުރެ ގިނަ ދުވަހު ކަސްޓަމްސްއަށް ހިދުމަތްކުރައްވާފައިވާ ދެ ބޭފުޅުންނެވެ. ޑެޕިއުޓީ ކޮމިޝަނަރު ކަމަށް އަބްދުﷲ ވަހީދު އައްޔަންކުރީ 3 ޖަނަވަރީ 2024 ގައެވެ. އަދި، މަހްމޫދު ރިޔާޒް އެ މަގާމަށް އައްޔަންކުރީ 25 ޖޫން 2020 ގައެވެ.
ހޯކްސް ކުންފުނީގެ ޖަވާހިރު ބޯޓުން ވަގަށް އެތެރެކުރަން މަސައްކަތްކުރި ސިނގިރޭޓުތަކެއް ކަސްޓަމުން ހިފެހެއްޓީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 24ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައެވެ. މި މައްސަލައިގައި ފުލުހުން ބުނީ، ރާއްޖެއަށް މެންޗެސްޓާ ބްރޭންޑު ސިނގިރޭޓުގެ 200 މާސްޓާ ކާޓަން ހޯކްސްގެ ބޯޓަކުން ވަގަށް އެތެރެކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ.
ދަ ހޯކްސް ޖަވާހިރު ބޯޓުން މި ސިނގިރޭޓްތައް ބޯޓުގެ މެނިފެސްޓުގައި ނުހިމަނާ ރާއްޖެއަށް ގެނެސްފައިވާ ކަމަށާއި އޮކްޓޫބަރު 25 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ކ. ތިލަފުށީގައި ހުންނަ ހޯކްސް ބޯޓު ޔާޑުގެ ޖެޓީއަށް މި ސިނގިރޭޓްތައް ބާލައިގެން ސިއްރުން ރާއްޖެއަށް އެތެރެކުރި ކަމަށް ވެސް ފުލުހުން ތުހުމަތުކޮށްފައިވެއެވެ.
މެންޗެސްޓާ ބްރޭންޑުގެ ސިނގިރޭޓު މިހާރު ވެސް ރާއްޖޭގެ ބާޒާރުގައި ސިއްރުން އަންނަނީ ވިއްކަމުންނެވެ. އެ ބްރޭންޑުގެ ސިނގެރޭޓު ވިއްކަނީ ވަރަށް ހެޔޮ އަގުގަ އެވެ.
މިފަހުން މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހިފަހައްޓައި، އެމްޕީއެލްގެ ބެލުމުގައި ދަށުގައި ބަހައްޓާފައި ހުރި ދެ ކޮންޓޭނާގެ ސިނގިރޭޓް ހުޅުމާލެ އިންނޭޝަނަލް ޓާމިނަލް އިން ގެއްލުނު މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ.
މި މައްސަލައިގައި ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސްވެރިއަކު ވަނީ ހައްޔަރުކޮށްފަ އެވެ.