ads
މުޅި ރާއްޖެއަށް އޭޓީއެމް ހިދުމަތް ދިނުމުގައި ބައިވެރިވި ޓީމަށް ހާއްސަ ފިލައެއް ދެނީ.
މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ގާއިމްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގި "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއު ކާމިޔާބުކަމާއެކު ނިންމާލާފަ އެވެ.
Advertisement

މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ކޮންމެ ރަށެއްގައި ކޮންމެ ވަގުތަކު އަސާސީ ބޭންކިން ހިދުމަތް ލިބިގެންދާނެ އެވެ.

އަދު ބާސެލޯ ނަސަންދުރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ކާމިޔާބީ ފާހަގަކޮށް، އެ މަޝްރޫއުގައި އިސްކޮށް އުޅުނު ބީއެމްއެލްގެ މުވައްޒަފުންނަށް ހާއްސަ ހަނދާނީ ފިލައެއް ވަނީ ދީފަ އެވެ. މި ފިލާ އެ މުވައްޒަފުންނާ ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މީހުން އުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ރައީސް ވެ ވަޑައިގަތް ވައުދު، ކުރު މުއްދަތެއްގައި ފުރިހަމަކުރައްވާފައި ވާތީ ބޭންކުން ވަނީ ރައީސަށް ވެސް އެކަން ފާހަގަކޮށް ހަނދާނީ ފިލައެއް އަރުވައިފަ އެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ވެފައިވާ ވައުދު ފުރިހަމަކުރުމަށް، އެ ހިދުމަތް ނެތް ރަށްރަށުގައި އޭޓީއެމް ބެހެއްޓުމަށް ނިންމައި އެމްއޯޔޫއެއްގައި ސޮއިކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އެ އެމްއޯޔޫގެ ދަށުން ނުވަ މަސް ދުވަހުގެ ތެރޭގައި 20 އަތޮޅެއްގައި، 105 އޭޓީއެމް ބަހައްޓައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބޭންކިންގެ ހިދުމަތް ވަނީ ފުޅާކޮށްފަ އެވެ.

ބެންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ރާއްޖޭގެ ކޮންމެ ރަށެއްގެ ރައްޔިތުންނަށްވެސް މިހާރު އެންމެ ފެންވަރު ރަނގަޅު އޭޓީއެމްތަކުގެ ހިދުމަތް ލިބޭނެކަމަށެވެ. އަދި 'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫއަކީ ރައްޔިތުންގެ ބޭނުންތަކަށް އަމާޒުކޮށްގެން ހިންގުނު މުހިންމު މަސައްކަތެއްކަން ޝަރީފް ފާހަގަކުރެއްވި އެވެ.

"މިއަދު މިވަނީ ބޭންކުގެ ވަރަށް މުހިންމު ލަނޑުދަނޑިއެއް ހާސިލްކޮށްފަ. ރާއްޖޭގެ ކޮންމެ ރަށެއްގެ ރައްޔިތުންނަށްވެސް މިހާރު އެންމެ ފެންވަރު ރަނގަޅު އޭޓީއެމްތަކުގެ ހިދުމަތް ލިބޭނެ. 'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫއަކީ ރައްޔިތުންގެ ބޭނުންތަކަށް އަމާޒުކޮށްގެން ހިންގުނު މުހިންމު މަސައްކަތެއް. އަދި މި މަސައްކަތް މިހާ އަވަހަށް އަދި މިހާ ފުރިހަމައަށް ނިންމާލެވުނީތީ އަޅުގަނޑުމެން ފަހުރުވެރިވަން." ޝަރީފް ވިދާޅުވި އެވެ.

މުޅި ރާއްޖެއަށް އޭޓީއެމްގެ ހިދުމަތް ތައާރަފްކޮށްފައި ވާއިރު ބީއެމްއެލްއިން 20 އަތޮޅުގައި 42 ބްރާންޗާއި 193 ސެލްފްސާވިސް ބޭންކިން ސެންޓަރާއި 251 އޭޓީއެމްގެ ހިދުމަތް މިހާރު އަންނަނީ ދެމުންނެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް