ސަރުކާރުން މިއަދު އަންނަ އަހަރަށް ލަފާކޮށް ހުށަހަޅަނީ 64 ބިލިއަން ރުފިޔާގެ ރިކޯޑު ބަޖެޓެއްކަން ވަނީ އެނގިފަ އެވެ.
ބަޖެޓު ހުށަހަޅާ ޖަލްސާ މަޖިލީހުން އެޖެންޑާކޮށްފައި އޮތީ މިއަދު މެންދުރު ފަހު 14:00 އަށެވެ. އެ ޖަލްސާގައި އޮތީ އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުން އެކަންޏެވެ. މި ބަޖެޓު މަޖިލިހަށް ހުށަހަޅުއްވައި ދެއްވާނީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި އަހަރަށް ވެސް ސަރުކާރުން ރިކޯޑު އަދަދެއް ކަމަށްވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރި އެވެ. އެކަމަކު، އަހަރު ނިމެން ދެ މަސް ދުވަހަށްވެފައިވާއިރު ފިނޭންސް މިނިސްޓްރީގެ ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް ޚަރަދުކޮށްފައިވަނީ 30 ބިލިއަން ރުފިޔާ އެވެ.
އެއީ، މި އަހަރު މިހާތަނަށް ލިބުނު އާމްދަނީއަށް ވުރެ 186 މިލިއަން ރުފިޔާ ދަށް އަދަދެކެވެ. އެހެންވެ، ސަރުކާރުން ޚަރަދު ކުރަމުން އަންނަނީ އާމްދަނީއަށްވުރެ މަދުންނެވެ.