ޗައިނާގެ ފާރަވެރި މަނަވަރަކުން ވަނީ ވިއެޓްނާމްގެ މަސް ބޯޓެއް ފައްތާލާފައެވެ. އަދި ވިއެޓްނާމްގެ އެހެން ދެ ބޯޓެއްވެސް ހިފަހައްޓައި ފަޅުވެރިން ރަހީނުކޮށްފައި ވެއެވެ. ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން ހަރަކާތްތެރިވާތާ މިހާރު ހަފްތާއެއް ވެއްޖެއެވެ. އަދި މި ހިސާބުގެ މަސްވެރި އުޅަނދުތަކަށް މެދުނުކެނޑި ޗައިނާގެ އަސްކަރީ އުޅަނދުތަކުން ދަނީ ދުއްތުރާ ކުރަމުންނެވެ. ޗައިނާއިން ބޭނުންވަނީ ދެކުނު ޗައިނާ ކަނޑުގައި ޗައިނާގެ ބާރުގަދަ ކުރާށެވެ. މިއީ ގުދުރަތީ މުއްސަނދިކަން ބޮޑު ސަރަހައްދެކެވެ. އަދި ފަސް ގައުމަކުން މި ސަރަހައްދުގެ މިލްކުވެރިކަމަށް ދައުވާ ކުރެއެވެ.
ވިއެޓްނާމާއި ޓައިވާނާއި ފިލިޕީންސްއާއި މެލޭޝިއާއާއި ބުރޫނާއީން މި ސަރަހައްދަށް ދައުވާ ކުރެއެވެ. މި ހުރިހައި ގައުމެއްގައި ވެސް ކޮރޯނާވައިރަސް ފެތުރެމުންދާއިރު މިކަމުގެ ސަބަބުން ގައުމުތަކުން އިންސާނީ އަދި ފައިސާގެ ވަސީލަތްތައް ސިއްހީ ފަރުވާއަށް އަނބުރާލާފައިވާ ހިނދު މި ގައުމުތަކުހެ އަސްކަރީ ހަރަކާތްތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ.
ކޮރޯނާ ވައިރަސްއަކީ ޗައިނާ ފިޔަވައި އެހެން ގައުމުތަކަށް ބިދޭސީ ވަބާއެކެވެ. ނަމަވެސް ޗައިނާގެ ބާރުގަދަކަން ޗައިނާއިން ދަނީ އަވަށްޓެރި ކުދި ގައުމުތަކަށް އިހުސާސްކޮށްދެމުންނެވެ. ޖެނުއަރީ މަހުން ފެށިގެން ފިލިޕީންސްގެ ޕަގާސާ ޖަޒީރާ ކައިރިން ޗައިނާގެ 130 އަސްކަރީ އުޅަނދު ފެނިފައިވެއެވެ. އަދި ޗައިނާއިން ވަނީ ހިއްކާފައިވާ ދެ ޖަޒީރާއެއްގައި ރިސާޗް ސްޓޭޝަން ހަދާފައެވެ. އަދި ޓައިވާން ކައިރީގައި މާޗް މަހުން ފެށިގެން ޗައިނާއިން ދަނީ އަސްކަރީ މަދިންދާބޯޓް އުދުއްސަމުންނެވެ. އަދި އެއާއެކު ޗައިނާއިން ވަނީ އަސްކަރީ މަތިންދާބޯޓު އުފުލާ އުޅަނދެއްވެސް މިހިސާބުގައި ބާއްވާފައެވެ.
ޗައިނާއިން ދަނީ ކޮރޯނާގެ ވަބާގެ ނިވަލުގައި ދެކުނު ޗައިނާ ސަރަހައްދަށް ހަންފެތުރުމަށް މަސައްކަތް ކުރަމުން ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކުރެއެވެ.