މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި، ރައްޔިތުންނާ ގާތުން ބައްދަލުކުރެއްވުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ބައެކެވެ.
މި ދަތުރުފުޅުގައި ރައީސް، އެ ދެ ސިޓީގެ ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުންތަކުގައި، ސިޓީތަކުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައި، ރައްޔިތުންގެ އަޑުއައްސަވާނެއެވެ.
ރައީސްގެ މި ދަތުރުފުޅު އައްޑުއަށް އަމާޒުވެފައިމިވަނީ، އެ ސިޓީ ކައުންސިލުން ވަކިވެ، ހުޅުދޫއާއި މީދޫގައި ވަކި ރަށު ކައުންސިލް އުފެއްދުމަށް އެ ދެ ރަށުގެ ރައްޔިތުން ފާސްކޮށްފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް ފޭދޫގެ ރައްޔިތުން ވަނީ ސިޓީ ކައުންސިލާއެކު ދެމިތިބުމަށް ނިންމާފައެވެ. މި ތާރީހީ ވޯޓަށްފަހު ރައީސް ކުރައްވާ މި ދަތުރުފުޅަށް ގިނަ ބަޔަކު ދަނީ ސަމާލުކަން ދެމުންނެވެ.