މި ކެމްޕޭނުގެ ދަށުން ސެންޓްރަލް ލަންޑަންގައި ދުއްވާ 100 ޓެކްސީގައި ރާއްޖޭގެ ހިތްގައިމު މަންޒަރުތައް އިޝްތިހާރު ކުރާނެއެވެ. ދެ މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކެމްޕޭން ފަށާފައިވަނީ ދުނިޔޭގެ އެންމެ ބޮޑު ޓްރެވަލް ފެއާ، ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް 2025) އާ ދިމާކޮށެވެ.
ވީއެމްސީން ބުނި ގޮތުގައި މި ކެމްޕޭނުގެ މައިގަނޑު މަގުސަދަކީ ޑަބްލިއުޓީއެމް އަށް ޒިޔާރަތްކުރާ މުއްސަނދި ޓޫރިސްޓުންނާއި ޓޫރިޒަމް ދާއިރާގެ ހިއްސާދާރުންގެ ސަމާލުކަން ރާއްޖެއަށް ހޯދުމެވެ. މި ޓެކްސީތަކުގައި ރާއްޖޭގެ ބްރޭންޑިން އަދި ރީތި މަންޒަރުތައް ޖަހާފައިވުމުން ލަންޑަންގެ އެންމެ ހަލަބޮލި ސަރަހައްދުތަކުންވެސް ރާއްޖެ ފާހަގަވެގެންދާނެއެވެ. މި ކެމްޕޭން ކުރިއަށް ގެންދަނީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަސް ކުންފުންޏެއް ކަމަށްވާ ކަނޑިންމަ މޯލްޑިވްސް، ޔުނިވާސަލް ރެސޯޓްސް، ކައިމޫ ރިސޯޓްސް އެންޑް ހޮޓެލްސް، ބެރެނާއީ ކޮއްޓަފަރު އަދި ރިއު އެޓޯލްސް އެންޑް ރިއު ޕެލަސް މޯލްޑިވެސް އާ ގުޅިގެންނެވެ.
މުޅި ދުނިޔޭގެ ޓޫރިޒަމް އިންޑަސްޓްރީގެ ސަމާލުކަން ލަންޑަނަށް ހުއްޓިފައިވާ މިފަދަ ދަނޑިވަޅެއްގައި މި ކެމްޕޭން ހިންގުމަކީ ރާއްޖެ އިޝްތިހާރުކުރުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. މި ކެމްޕޭނުގެ ސަބަބުން ރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓި، ޓޫރިސްޓުންގެ މެދުގައި ރާއްޖެއަކީ ލަގްޒަރީ އަދި ހިތްގައިމު ތަޖުރިބާތަކެއް ކުރެވޭ މަންޒިލެއްގެ ގޮތުގައި ބުނެދިނުމަށް އެހީތެރިވެދޭނެ ކަމަށް ވީއެމްސީން ދެކެއެވެ. މިއީ ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު އިތުރުކުރުމަށާއި، އިނގިރޭސިވިލާތަކީ ރާއްޖޭގެ މުހިންމު މާކެޓެއްގެ ގޮތުގައި ދެމެހެއްޓުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.