ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި "ސީދޭވީ" ގެ ނަން ދީފައިވާ އެ ބޯޓުން ރާއްޖެ ސަރަހައްދަށް ވަދެ 300 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ވަނީ ބަރުކޮށްފައެވެ. މަސްތުވާތަކެތި ބަރުކުރީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އޮވެގެންކަމަށް އެ ނޫހުން ބުނެއެވެ.
އެ ނޫހުން ބުނީ ފުލުހުންނަށް މި ބޯޓުގެ މައުލޫމާތު ލިބުނީ ލަންކާގެ ގޯލް ސިޓީގައި އެ އުޅަނދުގެ ވެރިފަރާތް ހައްޔަރުކުރުމަށް ފަހު ހިންގި ތަހުގީގެއްގެ ތެރެއިންނެވެ. ޑްރަގާ އެކު އަތުލައިގަތް ބޯޓަކީ މަސް ބޯޓެއް ނަމަވެސް އެ އުޅަނދުގައި މަސްވެރިކަމުގެ އެއްވެސް ހަރަކާތެއް ހިންގާފައިނުވާ ކަމަށް ތަހުގީގުން އެނގިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އެބޯޓު އަތުލައިގަނެ ފާސްކުރި އިރު 250 ކިލޯއަށް ވުރެ ގިނަ ކްރިސްޓަލް މެތާއި 85 ކިލޯގެ ހެރޮއިން ފެނިފައިވާކަމަށް ލަންކާ ފުލުހުންނާއި ހަވާލީ ނޫހުން ބުނެ އެވެ. އެ ތަކެތީގެ މަގުމަތީ އަގު ފަސް ބިލިއަން ރުޕީސްއަށް އަރާނެކަމަށްވެސް ލަންކާ ފުލުހުން ވަނީ ބުނެފައެވެ.
މި ބޯޓުން ހަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މިކަމާއި ގުޅިގެން ދިވެހި ފުލުހުން އަދި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.