މި ބައްދަލުވުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އެކި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. ރާއްޖޭގެ ފަރާތުން މި ބައްދަލުވުން ކޯ-ޗެއާ ކުރެއްވީ ބައިލެޓެރަލް ސެކެޓްރީ ޑރ. ހާލާ ހަމީދު އެވެ.
މި މަޝްވަރާތަކުގައި ދެ ގައުމުގެ މަސްލަހަތު ހިމެނޭ މުހިންމު ގިނަ ކަންކަމަކާ ގުޅޭގޮތުން ވަނީ ވާހަކަ ދައްކާފަ އެވެ. އޭގެ ތެރޭގައި ގައުމީ ސަލާމަތާއި، އިގްތިސާދީ ފާގަތިކަމާއި، އިންޑިއާ ކަނޑުގެ ސަރަހައްދުގެ ހަމަޖެހުން ގާއިމްކުރުން ހިމެނެ އެވެ. މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާ މުކާބަލަކުރުމާއި، އިންޓަނޭޝަނަލް ގޮތުން ރޭވިގެން ހިންގޭ ކުށްތައް ހުއްޓުވުމުގައި ގުޅިގެން މަސައްކަތްކުރުމަށް ދެ ގައުމުން ވަނީ އެއްބަސްވެފަ އެވެ.
ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމްކުރިތާ 50 އަހަރު ފުރުން ފާހަގަކުރަމުން އަންނައިރު، މި ގުޅުން ދަނީ އެކި ގޮތްގޮތުން ވަރުގަދަވަމުންނެވެ. އެގޮތުން، އިންސާނީ ވަސީލަތް ބިނާކުރުމަށް އޮސްޓްރޭލިއާއިން 60 އަހަރު ތެރޭ 750 އާ ގާތްކުރާ އަދަދަކަށް ދިވެހިންނަށް ސްކޮލަޝިޕް ފުރުސަތު ދީފައިވެ އެވެ. އަދި 2023 ވަނަ އަހަރު މާލޭގައި އޮސްޓްރޭލިއާގެ ހައި ކޮމިޝަނެއް ހުޅުވުމަކީ ވެސް މި ގުޅުމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.