މި ހާދިސާގައި މަރުވެފައިވަނީ ހެއިލީ ރަޔަން ނަމަކަށް ކިޔާ ކުއްޖެކެވެ. މިއަދު ހިނގި މި ހާދިސާގައި، 75 އަހަރުގެ ޑްރައިވަރު ލޮރްސެސާ ލުވިސް، ބަސް ދުއްވާފައިވަނީ ބައިސްކަލު ދުއްވަން ހާއްސަކޮށްފައިވާ ލޭނުން ކަމަށް ފުލުހުން ބުންޏެވެ. އޭރު އެ ކުއްޖާ ދިޔައީ ސްކޫލް ނިންމާފައި ބައިސްކަލުގައި ގެއަށެވެ.
ހާދިސާގެ ވީޑިއޯ ފުޓޭޖުތަކުން ފެންނަ ގޮތުގައި، ބަސް ދުއްވަމުން ދިޔައީ ބައިސްކަލު ލޭނުގައެވެ. އަދި އެ ލޭނުގައި ކާރުތަކެއް ޕާކުކޮށްފައި ހުރުމުން ހެއިލީއަށް ދުއްވަން ލިބުނު ޖާގަ ވަރަށް ބޮޑަށް ކުޑަވިއެވެ. ފުލުހުންގެ ރިޕޯޓުގައިވާ ގޮތުން، ބަސް ގޮސް ހެއިލީގެ ބައިސްކަލުގެ ހެންޑަލުގައި ޖެހުމުން، އޭނާ ވިއްސައިގެން ގޮސް ޕާކުކޮށްފައި އޮތް އެސްޔޫވީއެއްގައި ޖެހުނެވެ. އޭގެ ފަހުން އޭނާ ވެއްޓުނު އިރު، ބަހުން ވަނީ އޭނާގެ ހަށިގަނޑުގެ ތިރީބައިމަތިން ދުއްވާލާފައެވެ. އެއަށްފަހުވެސް ޑްރައިވަރު ބަސް ހުއްޓާނުލާ 121 ފޫޓު ވަންދެން ދުއްވާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި މައްސަލާގައި ޑްރައިވަރު ލުވިސްގެ މައްޗަށް އަދި ކުށުގެ ދައުވާއެއް ކޮށްފައެއް ނުވެއެވެ. ނަމަވެސް ސްކޫލް ޑިސްޓްރިކްޓުން ވަނީ އޭނާ ވަޒީފާއިން ވަކިނުކޮށް، ކުދިން އުފުލުމާ ގުޅުން ނެތް އެހެން މަސައްކަތަކަށް ބަދަލުކޮށްފައެވެ. މީގެ ކުރިން 2022 ވަނަ އަހަރުވެސް ލުވިސްއަށް ނުރައްކާތެރި ގޮތަކަށް ލޭން ބަދަލުކުރުމުގެ ކުށުގެ ރިކޯޑެއް އޮވެއެވެ. ހެއިލީގެ އާއިލާއަށް އެހީވުމަށް ހުޅުވާލި 'ގޯފަންޑްމީ' ޕޭޖަކުން މިހާތަނަށް 83،800 ޑޮލަރަށްވުރެ ގިނަ އަދަދެއް ވަނީ އެއްކުރެވިފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.