ރައީސް މި ދަތުރުފުޅުގައި ވަނީ، ފުވައްމުލަކާއި އައްޑޫގެ ސިޓީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ސަރަހައްދީ ތަރައްީއަށް ރައްޔިތުން ދެކޭ ތަސައްވުރު އޮޅުންފިލުއްވާފައިކަމަށް ރައީސް އޮފީހުން ބުނެއެވެ.
މި ދަތުރުގައި ފުވައްމުލަކުގައި ވަނީ، ތައުލީމާއި، ސިއްހަތާއި، ބޯހިޔާވަހިކަމާއި، ދަތުރުފަތުރު ފަދަ ތަފާތު ދާއިރާތަކުން ހިންގަވަން ނިންމަވާފައިވާ މަޝްރޫއުތަކުގެ އަމަލީ މަސައްކަތުގެ އެކި މަރުހަލާތައް ފައްޓަވާފައިކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި އައްޑޫގައި ވަނީ، ކުޅިވަރާއި ހަށިހެޔޮކަމާއި، ތައުލީމާއި، ސިއްހަތާއި، އުމްރާނީ ތަރައްގީ، ދީނީ ވަހުދަތު، އަދި ދަތުރުފަތުރު ފަދަ ދާއިރާތަކުން ހިންގެވުމަށް ނިންމަވާފައިވާ ގިނަ އަދަދެއްގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތުގެ އެކި މަރުހަލާތައް ފައްޓަވާފައިކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.
މީގެ އިތުރުން މި ދަތުރުގައި ރައީސް ވަނީ، ދިވެހި ޤައުމީ ދިފާޢީ ބާރުގެ އެއާ ކޯގެ ފުރަތަމަ އެއާ ސްޓޭޝަން ހުޅުއްވައިދެއްވާފައެވެ.