ރައީސް ޑރ. މުއިއްޒު، ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ ދައްކަވަން ޖެހިވަޑައިގަތް ދަރަންޏަކީ ސޯލިހްގެ ވެރިކަމުގައި ބަޖެޓު ސަޕޯޓުގެ ގޮތުގައި އިންޑިއާގެ ސްޓޭޓް އޮފް ބޭންކް (އެސްބީއައި) މެދުވެރިކޮށް ނެގި 200 މިލިއަން ޑޮލަރެވެ. އޭގެ ތެރެއިން 50 މިލިއަން ޑޮލަރަކީ ހިލޭ އެހީ އެވެ. ބާކީ 150 މިލިއަން ޑޮލަރަކީ އެސްބީއައި އަށް ޓްރެޝަރީ ބިލް ވިއްކައިގެން ހޯދި ލޯނެކެވެ. ސޯލިހްގެ ވެރިކަން ނިމިގެން އައިއިރު، މި ލޯންގެ އެއްވެސް މިންވަރެއް ދައްކާފައި ނުވުމުން އެ ދަރަނި ދައްކަން ޖެހުނީ މި ސަރުކާރަށެވެ.
ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ވަނީ ޖެނުއަރީ 2024 ގައި އެ ލޯންގެ ތެރެއިން 50 މިލިއަން ޑޮލަރު އިންޑިއާއަށް ދައްކައިފަ އެވެ. އެހެންވެ، ބާކީ 100 މިލިއަން ޑޮލަރު ދައްކަން އޮތް އިރު، އިންޑިއާ ސަރުކާރުން ދަނީ އަހަރުން އަހަރަށް އެ ދެއްކުން ފަސްކޮށް ދެމުންނެވެ.
މިފަހުން ރައީސްގެ އޮފީހުގައި، ބޭއްވި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުއއްިޒު ވިދާޅުވީ އެޕްރީލް މަހުގެ 2 ވަނަ ދުވަހު ސަރުކާރުން ދެއްކި 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ދައްކާފައިވާނީ، ގައުމަށް ޑީފޯލްޓެއް ކުރިމަތިވިޔަ ނުދީ، ހަރުމުދަލެއް ވިއްކާނުލައި، ރަހުނެއް ދޫކޮށްނުލައި އަދި ބަދަލުގައި ކުރިން ރަހުނުކޮށްފައިހުރި ތަންތަން ސަލާމަތްކުރައްވައިގެންކަމަށެވެ
"ޕްރެސާ ވިތު ދަ ސްޕޮކްސް" ގައި ނޫސްވެރިއަކު މިއަދު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މުންދު ވިދާޅުވީ ބޭރުގެ ދަރަނިތައް ދެއްކުމުން ކޭޝް ފްލޯއަށް ލޮޅުމެއް ނާންނަ ކަމަށެވެ. އެ ގޮތުން ދަރަނިތައް ދެއްކުމާއި ބީއެމްއެލުން ގެނައި ބަދަލާއި ގުޅުމެއް ނެތް ކަމަށް މުންދު ވިދާޅުވި އެވެ.
ބީއެމްއެލްއަށް ޑޮލަރު ލިބޭ އަދަދަށް ވުރެ، ވިއްކަންޖެހޭ ޑޮލަރުގެ އަދަދު އިތުރުވެ، އެ ބޭންކުން ވަނީ ރުފިޔާ ޑެބިޓް އަދި ކްރެޑިޓް ކާޑުން ޑޮލަރުގެ މުއާމަލާތްތައް ކުރެވޭ މިންވަރު ލިމިޓުކޮށްފަ އެވެ.
މުންދު ވިދާޅުވީ ބީއެމްއެލް އަށް ދިމާވެގެން އުޅޭ ހާލަތުގެ ތަފުސީލު އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ވަރަށް ތަފުސީލުކޮށް ކިޔައި ދެއްވި ކަމަށެވެ.
ކާޑުން ބޭރުގެ މުއާމަލާތްތައް ކުރެވޭ އަދަދު ލިމިޓުކުރުމުން އާންމުންގެ ނުރުހުން ބޭންކަށް އަމާޒުވެފައިވަނިކޮށް އެ ބޭންކުގެ ތަރުޖަމާނު މުހައްމަދު ސައީދު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މި ބަދަލުތަކުގެ ސަބަބުން ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންނަށާއި ދިރިއުޅޭ ފަރާތްތަކުގެ ކާޑުތަކަށް ހާއްސަކޮށްގެން ދޫކޮށްފައިވާ ލިމިޓްތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އެގޮތުން:
ބޭރުގައި ކިޔަވާ ކުދިންގެ ތެރެއިން ރާއްޖޭގައި ތިބި ބެލެނިވެރިންގެ ކާޑު ބޭނުންކުރާ ދަރިވަރުންނަށް ސްޓޫޑަންޓް ކާޑު ހައްދަން 3 މަސްދުވަހުގެ މުހުލަތެއް ބޭންކުން ވަނީ ދީފައި
އެ މުއްދަތުގައި ބެލެނިވެރިންގެ ކާޑު ދަރިވަރުންނަށް ބޭނުން ކުރެވޭނެ
ސައީދު ވިދާޅުވީ ބޭންކުގެ ރުފިޔާ ޑެބިޓް އަދި ކްރެޑިޓް ކާޑުން މުއާމަލާތްކުރުމުގައި ބަދަލެއް ގެންނަން ޖެހުނީ މެދުއިރުމަތީގެ މަސްރަހާ ގުޅިގެން ފަތުރުވެރިން ރާއްޖެ އަންނަ އަދަދު މަދުވެ، ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާގެ އަދަދަށް ވުރެ ނިސްބަތުން ބޮޑު އަދަދެއްގެ ޑޮލަރު މިފަދަ މުއާމަލާތްތައް ފުރިހަމަކުރުމަށް ވިއްކަން ޖެހިފައިވާތީ ކަމަށެވެ. އެގޮތުން:
ދިވެހި ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން ކުރާ މުއާމަލާތްތަކަށް ދުވާލަކަށް 1.33 މިލިއަން ޑޮލަރު ބެންކުން ވިއްކަމުން ދިޔަ
ޑޮލަރު ގަންނަން ލިބުމުގައި ހުރި ދަތިތަކަށް ބަލައި ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޭންކުން ގެންގުޅޭ ނިޒާމުތައް ވާނީ ހަރުދަނާކޮށްފައި
އެކަން މިހާރު ބީއެމްއެލް އެޕް މެދުވެރިކޮށް ފޮނުވާ ނޮޓިފިކޭޝަނަކުން ކަސްޓަމަރަށް ދަނީ އަންގަމުންނެވެ. މި ބަދަލުތައް ގެނައި ނަމަވެސް ޑޮލަރު އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އެއްވެސް ލިމިޓަކާ ނުލާ މުއާމަލާތްތަކަށް ބޭނުންކުރެވޭނެ އެވެ.
ކަސްޓަމަރުން މިފަދަ އީކޮމާސްގެ ގިނަ މުއާމަލާތްތަކެއް ހިންގުމަކީ މި ބޭންކުގެ އާމްދަނީ އިތުރުވާނެ ކަމަށްވީ ނަމަވެސް މި ވަގުތު ބޭރު ފައިސާގެ އާމްދަނީލިބޭ މިންވަރާއި ކަސްޓަމަރުންގެ ބޭނުންތަކަށް ބޭންކުން ޑޮލަރު ވިއްކަންޖެހޭ މިންވަރަށް ބަލައި، ޒަރޫރީ ބޭނުންތަކަށް ބޭރު ފައިސާ އިގުތިސާދުކުރުމަށް މި ފިޔަވަޅުތައް އަޅަން ބޭންކަށް މަޖުބޫރުވީ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
އަދި، ބޭންކަށް ޑޮލަރު ގަންނަން ލިބޭ މިންވަރަށް ބަލައި، ރުފިޔާ ކާޑުން ބޭރު ފައިސާގެ މުއާމަލާތްތައް ކުރެވޭ ގޮތަށް ހަމަޖެހިފައިވާ ލިމިޓަށް ބަދަލުތައް އެ ބޭންކުން ގެންނަމުންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;