ރައީސް އޮފީހުގައި ބޭއްވި މީޑިއާ ބްރީފިންގައި ނޫސްވެެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ސައީދު ވިދާޅުވީ ބަންކަރިންގެ ހިދުމަތުން މިދިޔަ އޭޕްރިލްމަހުގެ ނިޔަލަށް 923.46 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ހިދުމަތުން އެވަރަށް އާމްދަނީ ލިބުނު އިރު އެއީ ރާއްޖެއަށް ކުރިއްސުރެ ގެންނަ ތެލުން ލިބުނު އާމްދަނީއެއް ނޫނެވެ.
ސައީދު ވިދާޅުވީ، ބަންކަރިންއަށް ބޭނުންކުރާ ތެލުގެ 85 ޕަސެންޓާއި 90 ޕަސެންޓާ ދެމެދުގެ ތެލަކީ ރާއްޖެއަށް އަލަށް ގެންނަ ތެޔޮ ކަމަށެވެ. އެ މަސައްކަތް މީގެކުރިން ވެސް ކުރީ، ސްރީލަންކާއާއި އަވައްޓެރި އެހެނިހެން ގައުމުތަކާ ގުޅިގެންކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ފެށީ 19 ސެޕްޓެމްބަރު 2024 ގަ އިހަވަންދިއްޕޮޅުގައި އެވެ. ތެލުގެ ވިޔަފާރީގައި ފުޅާދާއިރާއެއްގައި ހަރަކާތްތެރިވާ ބައިނަލްއަގްވާމީ ފެންވަރުގެ ކުންފުންޏެއް ކަމަށްވާ "ވިޓޯލް"އާ ގުޅިގެން އެސްޓީއޯ އިން ބަންކަރިން ހިދުމަތް ފެށީ ދެ ބޯޓާ އެކުގަ އެވެ. އެެއީ 3،258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3،929 ޓަނުގެ އެމްޓީ މެރިން ބެލާ އެވެ.
އިވަންދިއްޕޮޅުން ބަންކަރިންގެ ހިދުމަތް ފެށި ނަމަވެސް، އެ ހިދުމަތުގެ ވިޔަފާރި ރަނގަޅީ މާލެ ސަރަހައްދުގައި ކަމަށް މިދިޔަ މެއި މަހު ބޭއްވި އެސްޓީއޯގެ 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވި އެވެ.
ޝިމާދު ވިދާޅުވީ ވާދަވެރި އެހެން ގައުމުތަކާ އެއް ފެންވަރަކަށް އެ ހިދުމަތް ފޯރުކޮށްދޭން އަދިވެސް ގިނަ ކަންތައްތައް ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. އެކަމާ ގުޅޭ މަޝްވަރާތައް ކަމާ ބެހޭ އެހެން ފަރާތްތަކާ އެކު ކުރިއަށްދާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;