ނަޝީދު "އެކްސް"ގައި ލިޔުއްވިގޮތުގައި ބޮޑު އިންޓްރެސްޓް ރޭޓެއްގައި ބޮންޑު ވިއްކަން މަސައްކަތްކުރުމުގެ ބަދަލުގައި ވީއައިއޭގެ ހިއްސާއިން ބައެއް ދިނުން ރަނގަޅެވެ.
ސުކޫކަށް ދައްކަން ޖެހޭ 500 މިލިއަން ޑޮލަރު ދައްކާ ހަލާސް ކުރަން ޖެހެނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ކުރިންނެވެ. ސަރުކާރުން ވަނީ، އެހާތަނަށް ފައިސާ ދައްކާ ނިމޭނެކަމުގެ ޔަގީންކަން ދީފަ އެވެ.
އެގޮތުން ށ. ބިލެތްފަހި ރައްޔިތުންނާއި މިފަހުން ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އިގްތިސާދީ ހާލަތު ގޯސްކޮށް އޮތް ނަމަވެސް ސަރުކާރުން ރޭވުންތެރިކަމާ އެކު ކުރަމުންދާ މަސައްކަތްތައް ކާމިޔާބުވަމުންދާ ކަމަށެވެ. އެހެންވެ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ދިވެހި ދައުލަތުން ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކު ޕޭމަންޓް ހަލާސް ކުރުމުގައި މިހާރު ކަންބޮޑުވުމެއް ނެތް ކަމުގައި ވިދާޅުވި އެވެ.
ރިޒާވުގެ ހާލަތު ހުރީ ރަނގަޅުކޮށް ކަމަށާއި ހުރިހާ ކަމެއް ރަނގަޅަށް ގެންދަމުން، ތަރައްގީގެ ކަންކަން ހާސިލުކޮށްދެމުން ކުރިއަށް ދިޔުމަށް އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.