ކޮލެޖުތައް ޔުނިވާސިޓީއަކަށް ހެދޭ އިސްލާހުގެ ބިލް ރައީސް މުހައްމަދު މުއިއްޒު، މިއަދު ތަސްދީގުކުރައްވައިފިއެވެ.

Advertisement
މި ބިލް މަޖޅިހުން ފާސްކުރީ މިމަހުގެ 5 ވަނަ ދުވަހުއެވެ.
މި ބިލުގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގެ މަތީ ތައުލީމުގެ ދޮރު މިހާރަށްވުރެ ބޮޑަށް ހުޅުވާލާ، ވަސީލަތްތަކާއި ޤާބިލުކަން ހުރި ފަރާތްތަކަށް ދިވެހިރާއްޖޭގައި ޔުނިވާސިޓީ ތައުލީމު ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުމަށްކަމަށް ސަރުކާރުން ބުނެއެވެ.
މި އިސްލާޙާއެކު ދިވެހިރާއްޖޭގައި ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީވުމުގެ ޝަރުތެއްގެ ގޮތުގައި އެ މަރުކަޒަކީ ދިވެހިރާއްޖޭގައި ކޮލެޖެއްގެ ގޮތުގައި މެދުނުކެނޑި ހިންގާތާ 15 އަހަރުވެފައިވާ، ނުވަތަ ބޭރު ގައުމެއްގެ ޔުނިވާސިޓީއެއްގެ ގޮތުގައި ހިންގަމުން އަންނަތާ 10 އަހަރުވެފައިވާ މަރުކަޒަކަށްވުން ހިމަނާފައިވެއެވެ. އަދި ދިވެހިރާއްޖޭގައި މަތީ ތައުލީމު ދިނުމަށް ރަޖިސްޓަރީކޮށްފައިވާ ކޮލެޖެއް ޔުނިވާސިޓީއަކަށް ބަދަލުކުރުމަށް އެދޭއިރު، އެ ކޮލެޖެއްގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
- ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 އަދި 9 ގެ، މަދުވެގެން ތިން ދާއިރާއަކުން އެ ކޮލެޖެއްގެ އަމިއްލަ ޕްރޮގްރާމްތައް ނުވަތަ ބޭރުގެ ޔުނިވަރސިޓީއެއްގެ ޕްރޮގްރާމްތައް ހިންގަމުން ގެންދިޔުން؛
- އެ ކޮލެޖެއްގައި ހިންގާ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 އިން ފެށިގެން މަތީގެ ކޯސްތަކުގައި މަދުވެގެން 1000 ދަރިވަރުން ކިޔަވަމުން ގެންދިޔުން.
- ބައިނަލްއަގްވާމީ ޔުނިވާސިޓީ ރޭޓިންއެއް ނުވަތަ ރޭންކިން އެއްގައި ބައިވެރިވެ ރޭޓުކުރެވި ނުވަތަ ރޭންކުކުރެވިފައިވާ ކޮލެޖަކަށްވުން؛
- ބައިނަލްއަގްވާމީ ޔުވަނިވާސިޓީތައް ބައިވެރިވާ ޖަމާޢަތެއްގެ މެމްބަރެއްގެ ގޮތުގައާއި، ބައިނަލްއަގްވާމީ ކޮލިޓީ އެޝުއަރަންސް ޖަމާއަތެއްގެ މެމްބަރެއްގެ ގޮތުގައި މަދުވެގެން ފަސް އަހަރުދުވަސް ހޭދަކޮށްފައިވުން؛
- ބައިނަލްއަގްވާމީ ފެންވަރުގެ ރިސާޗް މަސައްކަތްތައް، ބޭރުގެ ޔުނިވާސިޓީތަކާއި، ޖަމާޢަތްތަކާއެކު ހިންގުމުގެ ތަޖުރިބާ ލިބިފައިވުން؛
- އެ ކޮލެޖެއްގެ އެކަޑެމިކް ޕްރޮގްރާމްތަކުގައި ކިޔަވައިދޭ އެކަޑެމިކް މުވައްޒަފުންގެ މަދުވެގެން 10 އިންސައްތަ އަކީ ޕީއެޗްޑީ ހާސިލުކޮށްފައިވާ މުވައްޒަފުންނަށްވުން؛
- އެ ކޮލެޖެއްގައި މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ، ޔުނިވާސިޓީއެއް ހިންގުމަށް އެކަށީގެންވާ ވަސީލަތްތައް ޤާއިމުކުރެވިފައިވުން.