ސަދަން ރީޖަންގެ ފުލުހުންގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ރީޖަންގެ ކޮމާންޑަރު އަހުމަދު ޝަމީމު ވިދާޅުވީ، އެ މައްސަލަ އަދިވެސް ތަހުގީގު ކުރަމުން އަންނަ ކަމަށާއި، މިހާތަނަށް ބެލި ބެލުމުން އެހެން ފަރާތެއްގެ އަނިޔާވެރި އަމަލެއް އެ ހާދިސާގައި ހިމެނޭ ކަމުގެ ހެއްކެއް ލިބިފައި ނުވާ ކަމަށެވެ.
އެ ދެމަފިރިން މަރުވެފައި ތިއްބާ ފެނުނު ގެ ހުރީ އެތެރެއިން ވަރަށް ރަނގަޅަށް ތަޅުލާފައި ކަމަށާއި، ފުލުހުންނަށް ވެސް ގެއަށް ވަދެވުނީ އާންމުންގެ އެހީއާއެކު ގިނަ މަސައްކަތްތަކެއް ކޮށްގެން ކަމަށް ވިދާޅުވިއެވެ. އާއިލާގެ އެދުމުގެ މަތިން އެ ދެމަފިރިންގެ އޮޓޮޕްސީއެއް ހަދާފައި ނުވާކަންވެސް ޝަމީމު ފާހަގަކުރެއްވިއެވެ.
މި ހާދިސާގައި މަރުވެފައިވަނީ ކުރޭނުގެ، އިބުރާހިމް އަބުދުﷲ (60އ) އާއި ނާރެސް، ފަރަހަނާޒް ރަޝީދު (52އ) އެވެ. އެ ދެމީހުން ފެނިފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ހިތަދޫ ޓޫރިޒަމް ޒޯން ސަރަހައްދުގައި ހުރި ގެއެއްގެ ތެރެއިންނެވެ. ފުލުހުންގެ ތަހުގީގު ނިމި، ރަސްމީކޮށް ސަބަބެއް ހާމަނުކުރި ނަމަވެސް، ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ދެމަފިރިން މަރުވީ ގޭގައި ކަރަންޓު ދިނުމަށް ބޭނުންކުރި ޖަނެރޭޓަރުން ބޭރުވި ދުމުގެ އަސަރު ކުރުމުގެ ސަބަބުން ކަމަށް ބެލެވެއެވެ.